ޝަރުއީ ދާއިރާ

މަދަނީ މައްސަލަތައް އިތުރުވެއްޖެ، އޭޑީއާރު ނިޒާމެއް ބޭނުންވޭ: އުއްތަމަ ފަނޑިޔާރު

ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ މިންވަރަކުން ވިޔަފާރިއާ ގުޅުން ހުރި މަދަނީ މައްސަލަތައް ދަނީ އިތުރު ވަމުން ކަމަށާއި އެހެންކަމުން ކޯޓުތަކުން ބޭރުގައި މައްސަލަ ހައްލުކުރާ ނިޒާމު، އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން (އޭޑީއާރް) ރާއްޖެއަށް ވެސް ބޭނުން ޖެހިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
މިއަދު ވިދާޅުވެއްޖެ އެވެ.

"ޖުޑިޝަލް އެކްޗޭންޖް އޮން އަލްޓަނޭޓިވް ޑިސްޓިޕިއުޓް ރިސޮލިއުލަޝަންސް" ގެ ނަމުގައި ތިން ދުވަހަށް ކުރިއަށްދާ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ޕްރޮގްރާމްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަންކަމަށް ބެލުމުން، ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް މިއީ ހާއްސަ މަސައްކަތެއް ކަން އެނގިގެންދާ ކަމަށެވެ. އަދި އެފަދަ ބައްދަލުވުންތަކުން ޝަރުއީ ނިޒާމު އިތުރު ހަރުފަތަކަށް ކުރިއަށް ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޭޑީއާރު ނިޒާމުގެ ސަބަބުން ކޯޓުތަކަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކުގެ އިތުރުން ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ވާނެ ކަމަށެވެ. އެ ގޮތުން ކޯޓުތަކަށްވުރެ އަވަހަށް މައްސަލަ ނިމި، ގާނޫނީ ހަރަދަށް ދައްކަން ޖެހޭ ބޮޑެތި އަދަދުތައް ކުޑަވުމުގެ އިތުރުން ދެ ފަރާތުން ބޭނުންވާ މިންވަރަށް ސިއްރުވެރިކަން ހިފެހެއްޓޭ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މަދަނީ މައްސަަލައެއްގައި ވެސް ފަނޑިޔާރުން ނިންމުމެއް ނިންމާނީ މައްސަލާގައި ހިމެނޭ ދެ ފަރާތުން ކުރެ އެއް ފަރާތެއް ބޭނުންވާ ގޮތަށޭ، އަދި އެ މައްސަލައެއް ނާކާމިޔާބުވާ ފަރާތެއް އެ ކަމާ މެދު ހިތްހަމަ ނުޖެހޭ ތަން ފެނިގެންދޭ، މި ކަމުގެ ސަބަބުން މައްސަލާގައި ހިމެނޭ ފަރާތްތަކުގެ މައްސަލަ އިތުރަށް ބޮޑުވޭ، އޭޑީއާރު ނިޒާމުގެ ސަބަބުން އެ ކަމަށް ހައްލެއް އާދޭ." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖެގެ އިގްތިސާދު ކުރިއަރައި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އަންނަ މިންވަރު އިތުރުވެފައިވާއިރު، ވިޔަފާރިއާ ގުޅުން ހުރި މަދަނީ ބޮޑެތި މައްސަލަތައް ކޯޓަށް ހުށަހެޅޭ މިންވަރު ވެސް އިތުރުވެފައިވާ ކަމށެވެ. އެހެންކަމުން އޭޑީއާރުގެ ނިޒާމުގެ މުހިއްމު ކަމަށާއި އާބިޓްރޭޝަން ގާނޫނުގެ ދަށުން އާބިޓްރޭޝަން ސެންޓަރުން ވިޔަފާރީގެ ދާއިރާއަށް އިސްކަން ދީގެން ރާއްޖޭގެ ގާނޫނީ ނިޒާމަށް ކުރިއެރުންތަކެއް ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މޯލްޑިވްސް އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ވުޖޫދުވެ އެ ގާނޫނުގެ ދަށުން އުފައްދާ އާބިޓްރޭޝަން ސެންޓަރު ގާއިމު ކުރުމަށް ހަ އަހަރަށްވުރެ ގިނަ ދުވަސް ހޭދަވިޔަސް ދާދި ފަހުން އެ ސެންޓަރުގެ ބޯޑު އެކުލަވާލައި ސެންޓަރުގެ މަސައްކަތް ފެށުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ސެންޓަރުގެ ޗެއާޕާސަނަށް އައްޔަން ކުރެއްވި އަހުމަދު ޝަހުދީއާއި ވައިސް ޗެއާޕާސަނަށް އައްޔަަން ކުރެއްވި ހުސައިން ސިރާޖަށް ތައުރީފު ކުރައްވައި އޭނާ ވިދާޅުވީ އެ ސެންޓަރަކީ ޖުޑިޝަރީއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އެހީގައި ރާއްޖޭގެ އާބިޓްރޭޝަންގެ ސެންޓަރާއި ސިލޯން ޗެމްބާ އޮފް ކޮމާސް އާއި އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާޝަލް ލޯ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ. އެ ކޮންރެންސްގައި ދިވެހިރާއްޖޭގެ 15 ފަނޑިޔާރަކު ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި ހައި ކޯޓުގެ ހަ ފަނޑިޔާރަކާއި ސިވިލް ކޯޓުގެ ހަތް ފަނޑިޔާރެކެވެ.