ޑރ. މުހައްމަދު ޖަމީލް އަހުމަދު

ފަނޑިޔާރުން އައްޔަން ކުރުމުގައި ބަލަންވީ ޖިންސަކަށް ނޫން: ޖަމީލު

ފަނޑިޔާރުން އައްޔަން ކުރުމުގައި ބަލަންވީ ޖިންސަށް ނޫން ކަމަށާއި ބަލަންވީ ގާބިލު ކަމާއި ނަޒާހަތްތެރި ކަމަށް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރުމާ މެދު ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އަށް ފޮނުއްވައިފަ އެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ ގިނަ އިލްމުވެރިން އަންނަނީ އިސްލާމްދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށްބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރައީސްގެ އެ ނިންމެވުން ބަދަލު ކުރުމަށް އިލްތިމާސް ކުރަމުންނެވެ.

ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ވެސް ރާއްޖޭގައި އަންހެން ފަނޑިޔާރުން ތިއްބެވި ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަންހެނުންނަށް ވެސް ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު ދެއްވީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށް ފަހުގަ އެވެ.

"އެ ބަހުސް ވަނީ ނިމިފައި. ގައުމީ ޚިދުމަތުގައި ބަލަންވީ ގާބިލްކަމާއި ނަޒާހާތްތެރި ކަމަށް، ވަކި ޖިންސަކަށް ނޫން،" އެންމެ ފުރަތަމަ އަންހެން ފަނޑިޔާރަކު އައްޔަން ކުރެއްވިއިރު ޖަސްޓިސް މިނިސްޓަރު ކަމުގައި އޭރު ހުންނެވި ޖަމީލު ކުރެއްވި ޓްވީޓްގައިވެ އެވެ.

ރައީސް ސޯލިހު ސްޕްރީމްކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދި ފޮނުވާގައިވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްޑާ ޒާހިރާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫންގެ ނަންފުޅެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން އައްޔަން ކުރީ 2007 ވަނަ އަހަރުގަ އެވެ. އޭރު ޖަސްޓިސް މިނިސްޓަރު ކަމުގައި ހުންނެވީ ޖަމީލެވެ.