ޑޮނަލްޑް ޓްރަމްޕް

ޗައިނާގެ މުދަލުން ނަގާ ޓެކްސް ޓްރަމްޕު ބޮޑުކޮށްފި

އެމެރިކާއާ ޗައިނާގެ މެދުގައި ދިމާވެފައިވާ ވިޔަފާރީގެ މައްސަލަތައް ހައްލު ނުވެގެން އުޅެނިކޮށް، ޗައިނާގެ މުދަލުން ނަގާ ޓެކްސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިތުރު ކޮށްފި އެވެ.

ޓްރަމްޕު ޗައިނާގެ މުދަލުން ނަގާ ޓެކްސް ބޮޑު ކުރީ، ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރި ކުރަމުންދާ އެމެރިކާ ކުންފުނިތައް ޗައިނާ ނޫން އެހެން ދިމާލަށް އަނބުރާ ލުމުގެ ބޭނުމުގަ އެވެ. ޓްރަމްޕު ވަނީ އެމެރިކާގެ ކުންފުނިތަކަށް ޗައިނާ ކުންފުނިތަކާއެކު ކުރާ ވިޔަފާރި ހުއްޓާލުމަށް ވެސް ގޮވާލާފަ އެވެ.

އެމެރިކާގެ އިގްތިސޯދު މައްޗަށް ޗައިނާ ކުރި ހޯދަމުން ދާތީ ޓްރަމްޕު ވަނީ އޭނާ އައްޔަން ކުރެއްވި އެމެރިކާގެ ސެންޓްރަލް ބޭންކުގެ ފެޑެރަލް ރިސާވް ޗެއާމަންގެ މަގާމުގައި ހުރި ޖެރެމީ ޕޯވެލްއަށް ފާޑު ވިދާޅުވެފަ އެވެ. ޕޯވެލްއަށް ފާޑު ވިދާޅުވަމުން ޓްރަމްޕު ވިދާޅުވީ، އެމެރިކާގެ އިގްތިސޯދަށް އޮތް އަސްލު ނުރައްކަލަކީ ޗައިނާ ނޫން ކަމަށާއި، ނުރައްކާ އޮތީ ޕޯވެލްގެ ފަރާތުން ކަމަށެވެ.

ޗައިނާއިން އެތެރެކުރާ މުދަލުން ޓްރަމްޕު ވަނީ 10 ޕަސަންޓާއި 15 ޕަސަންޓުގެ ޓެކްސް އެއް ނަގަން ނިންމާފަ އެވެ. އަދި އެއަށްފަހު ވެސް ޗައިނާއެކު އެމެރިކާ ކުންފުނިތަށް ވިޔަފާރި ކުރާނަމަ 25 ޕަސަންޓާއި 30 ޕަސަންޓުގެ ޓެކްސް އެއް ނަގާނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.

"އިގްތިސޯދު ދަމަހައްޓަން މިނޫން ގޮތެއް ނެތް، ކޮންމެ އަހަރަކު އެމެރިކާއިން ދަނީ ޗައިނާއަށް އެއް ޓިރިލިއަން ޑޮލަރު ދެމުން، މިކަން ހުއްޓުވާ މިފައިސާ އެމެރިކާގެ އިގްތިސޯދުގައި ދައުރު ކުރުވަން އެބަ ޖެހޭ" ޓްރަމްޕު ވިދާޅުވި އެވެ.

ޓްރަމްޕު ޗައިނާގެ މުދަލުން އިތުރަށް ޓެކްސް ނަގަން ނިންމުމުން ޗައިނާ އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޓްރަމްޕަށް އެމެރިކާއިން ޗައިނާއެކު ކުރާ ވިޔަފާރީގެ އަސްލު އޮޅިފައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ގޮތް ނިންމުމުގެ ކުރިން، ވިސްނަން ޖެހޭނެ ކަމަށާއި، ޓެކްސް ބޮޑު ކުރިޔަސް ގެއްލުންވާނީ އެމެރިކާގެ އިގްތިސޯދަށް ކަމަށް ޓްރަމްޕަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

މިއީ އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން ޓްރަމްޕު ޓެކްސް ބޮޑުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޓެކްސް ބޮޑު ކުރުމުން، ދިމާވި ޕްރެޝަރުތަކުގެ ސަބަބުން ބޮޑުކުރި ޓެކްސް ޓްރަމްޕު ވަނީ އުވާލާފަ އެވެ.