ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނު އަސާސީއާ ހިލާފަށް އެތައް ނިންމުމެއް ނިންމާފައިވާ ކަމަށާއި އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށް އަލުން ކޯޓުގެ ބެންޗެއް އެކުލަވާލަން ޖެހޭނެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފުވެފައިވާ 17 ކަމެއް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރިޕޯޓަށްސ ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އިތުބާރު ނެތް ކަމަށާއި ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރަށް ވެސް ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ބައެއް ކަންކަން ވެސް އެމްޑީޕީގެ މެންބަރުން ފާހަަގަކުރެއްވި އެވެ. އެ ގޮތުން 2008 ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އައްޔަން ކުރައްވާފައިވާ މަޖިލީހުގެ އަށް މެންބަރުންގެ މަގާމު އަންނަ އިންތިހާބާ ހަމައަށް ދެމޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ކުރި ހުކުމް ވަނީ ފާހަގަކޮށްފަ އެވެ.
ރިޕޯޓަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ދައުލަތުގެ އެހެން ބާރުތަކަށް އަރައިގަންނަން ސުޕްރީމް ކޯޓުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވައި "ޖުޑިޝަރީ ޑިކްޓޭޓާޝިޕެއް" އެ ކޯޓުން ގާއިމުކުރަން އުޅެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފަނޑިޔާރުންނާ މެދު އަޅަން ޖެހޭ ފިޔަވަޅު އެޅިފައިވާ ނުވާ ކަމަށް މީކާއީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދިވެސް ހަމަ އެ (ސުޕްރީމް ކޯޓުގެ) ފަނޑިޔާރުންނަށް ހުކުމް ކުރަން ފުރުސަތު ދޭން ޖެހޭތޯ. ސުޕްރީމް ކޯޓާއި ޖުޑިޝަރީ އިސްލާހު ކުރުމުގެ ގޮތުން ސުޕްރީމް ކޯޓު ބަދަލުވެ ރައްޔިތުން އިތުބާރު ކުރެވޭ ފަނޑިޔާރުގެއެއް ބިނާ ކުރަން އެ ފަނޑިޔާރުންނަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ،" މީކާއީލް ވިދާޅުވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން އެތައް ކަމެއް ކުރިކަން ފާހަގަވާއިރު، އެ ހުރިހާ ކަމެއް ކުރަން ސުޕްރީމް ކޯޓުން މަސައްކަތް ކޮށްފައިވަނީ ވަކި ބައްޓަމަކަށް އެ ކަންކޮށް އެ ބައްޓަން ދަމަހައްޓަން މަސައްކަތް ކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފު ވިދާޅުވީ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިފައިވާ ހަމައެކަނި ބާރަކީ އިންސާފުވެރިކަމާއެކު ޝަރީއަތް ކުރުމުގެ ބާރު ކަމަށާއި، އެ ގާނޫނު އަސާސީން ނުލިބޭ ބާރުތަކެއް ސުޕްރީމް ކޯޓުން ނަގާފައިވާ ކަމަށެވެ. އެ ގޮތުން ރައީސާއި މަޖިލީހަށް ވެސް ލިބިދޭ ބާރުތަކެއް ނަގަން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު މަސްއޫލިއްޔަތަކީ މި ބައްޓަން ރޫޅާލުން. ވަކި ބައްޓަމަކަށް އެ އޮތް ފަސް ފަނޑިޔާރުުންގެ ސުޕްރީމް ކޯޓު ރޫޅާލައި އަލދުލު އިންސާފު ގާއިމު ކުރާ ސުޕްރީމް ކޯޓެއް އެކުލަވާލަން ޖެހޭ. އަދި މި ކަންކަން ތަކުރާރު ނުވާނެ ގޮތަށް ގާނޫނަށް އިސްލާހު ކުރަން ޖެހޭ. މުޅި ދައުލަތް ހައިޖެކްޓް ކޮށްފައިވާ އޮންނަ މުއައްސަސާއެއް އޮވެގެން ނުވާނެ." ހަސަން ލަތީފު ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ރިއާޔަތްކޮށް ނިންމި ނިންމުންތަކެއް ނޫން ކަމަށެވެ. އެއީ ސިޔާސީ މަސްރަހަށް ރިއާޔަތްކޮށް އެ ފަނޑިޔާރުން މަގާމުތަކުގައި ދެމިތިބުމަށް އަމިއްލަ މަސްލަހަތް ހިމާޔަތް ކުރުމަށް ނިންމުން ނިންމުންތަކެއް ކަމަށެވެ.
"ސުޕްރީމް ކޯޓުން ނިންމުންތަކުން ސާފުވޭ އޭރެއްގައި އޮތް ސިޔާސީ ހާލަތު ބަދަލު ކުރުމަށް ކޮށްފައިވާ އަމުރުތަކެއްކަން. ދިވެހި ރައްޔިތުންގެ އިތުބާރެއް ޖުޑިޝަރީގެ މައްޗަކަށް ނެތް." ހިސާން ހުސައިން ވިދާޅުވި އެވެ.
ކަނޑިތީމު ދާއިރާގެ މެންބަުރ އަބްދުލްޝަހީމް އަބްދުލްހަކީމް ވިދާޅުވީ އިންސާފު ގާއިމު ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮށްފައިވާ ހުވައާ އެއްގޮތަށް އަމަލު ނުކުރުމުން އެ ފަނޑިޔާރުންނަކީ އަދިވެސް މަގާމުތަކުގައި ތިއްބަވަން ޖެހޭނެ ބައެއް ކަމަށް ގަބޫ ނުކުރައްވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކަރާމާތްތެރިކަން ގެއްލިގެންދާ ވާހަކަ ދެއްކިއްޖެ. އެ ބޭފުޅުން އަމިއްލައަށް އެ ބޭފުޅުންގެ ކަރާމާތްތެރިކަން އެ ގެއްލުވާލަނީ. އެ ބޭފުޅުންގެ މަސްއޫލިއްޔަތުން ވަކިކުރަން ޖެހޭ ކަން އެ ބޭފުޅުން އަމިއްލައަށް އެ ސާބިތު ކޮށްދެއްވަނީ." ޝަހީމް ވިދާޅިވުވި އެވެ.
ޝަހީމް ވިދާޅުވީ މަޖިލީހުގެ މި ދައުރު ނިމި ޗުއްޓީއަށް ދިއުމުގެ ކުރިން ވެސް ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި އެ ފަނޑިޔާރުންނަކީ ނަސޭހަތް ދީގެން އިސްލާހުވާނެ ފަނޑިޔާރުންތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.