ރާއްޖޭގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރު ކުރި ރިޕޯޓުގައިވާ ކަންކަން ބަލައި އިތުރަަށް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ 17 ކަމެއް ފާހަގަކޮށްފައިވާ އެ ރިޕޯޓު ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އޭނާގެ ހުށަހެޅުއްވުމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ތާއީދު ކުރެއްވި އެވެ.
އާޒިމްގެ ހުށަހެޅުއްވުމާ އެއް ގޮތަށް ޖޭއެސްސީގެ އެ ރިޕޯޓު، ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ.
ޖޭއެސްސީގެ ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ބައެއް މެންބަރުން ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށި ފަހުން ތިން މަހަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު އެ ކަން މިހާތަނަށް ވެސް ނުވެ އޮތުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މަޖިލީހުގައި މިހާރު ހިނގަމުންދާ ދައުރު ނިމި ޗުއްޓީއަށް ދިއުމުގެ ކުރިން ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
ރިޕޯޓުގައި ފާހަގަކުރި ސުޕްރީމް ކޯޓުން ހިލާފުވި ކަންކަން
- ރައްޔިތުންގެ މަޖިލީހާއި ޖޭއެއްސީއަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް، މަޖިލީހާއި ޖޭއެއްސީގެ މަސައްކަތަށް ހުރަސްއެޅުން
- ޖޭއެއްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވާލައި އަދުލު އިންސާފު ގާއިމްކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން ހަވާލުވުން
- ކޯޓު ތަކުގެ ގާނޫނުގެ އަށް ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާއަށް އުވާލުން
- ވަކީލުންގެ ކަންކަން ރެގިއުލޭޓް ކޮށް ބެލެހެއްޓުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
- ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓު ތަކުގައި މަސައްކަތް ކުރުން މަނާ ކުރުން
- ދަށު ކޯޓު ތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވާއިދެއް ހަދައި، ގާނޫނުގެ ދަށުން ޖޭއެއްސީއަށް ދީފައިވާ ބާރުތައް ނެގުން
- ޖޭއެއްސީގެ ގާނޫނާއި ހިލާފަށް ފަނޑިޔާރަކު މަސްއޫލިޔަތުތަކާއި އެކަހެރިކުރުން
- އިލެކްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސުގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވާކަމަށް ނިންމާ މަގާމުން ވަކިކުރުން
- ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުުރުން
- ސުޕްރީމް ކޯޓުން އިސްނަގައިގެން ހިއުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ކަނޑުވާލައި އެ ކޮމިޝަނުން އަމަލުކުރަންޖެހޭ ގައިޑްލައިނެއް ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުން
- ފަނޑިޔާރުންގެ ފެންވަރުގެ ވަޒަންކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެއްސީއަށް އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅުން
- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ސޮއި ކުރުމުން މެމްބަރު ކަމުން ވަކި ވާނެ ކަމަށް ކަނޑައެޅުން
- 1 ފެބްރުއަރީ 2018 ގައި ކުރި އަމުރުގެ ބައިތައް ސުޕްރީމް ކޯޓުން ބާތިލްކުރުން
- ސުޕްރީމް ކޯޓުގެ ސާކިއުލާތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓު ތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމު ގާނޫނު ހެދުން