ހަބަރު

އީދަށްފަހު ސްޓިކާ ޖެހި އަދަދު 700 އަށް އަރައިފި

ބޮޑު އީދު ހަފުތާގައި ސްޓިކާ ޖެހި އަދަދު ކުޑަވި ނަމަވެސް، މިދިޔަ ހަފުތާގައި ސްޓިކާ ޖެހި އަދަދު އަނެއްކާވެސް ގިނަ ވެއްޖެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭގެ ކުރީ ހަފުތާގައި ސްޓިކާ ޖަހާފައިވަނީ 44 ވެހިކަލެއްގަ އެވެ. ނަމަވެސް މިދިޔަ ހަފުތާގެ ތެރޭ ގަވައިދާ ހިލާފަށް ޕާކުކޮށްގެން 769 ސްޓިކާ ޖަހާފައި ވެއެވެ.

ފުލުހުން މިއަދު އާންމުކުރި މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލޭގެ 43 އެކްސިޑެންޓެއް ހިނގާފައިވާއިރު 13 މީހަކަށް އަނިޔާވެފައި ވެ އެވެ. 557 އުޅަނދު ޗެކްކޮށް 47 އުޅަނދުވަނީ ޓޯ ކޮށްފައި ކަމަށްވެސް ހިސާބުތަކުން ދައްކަ އެވެ.

އަދި، އުޅަނދު ތަކުގެ އަހަރީ ފީ ނުދައްކައިގެން 57 އުޅަނދެއް ހިފަހައްޓާފައިވާއިރު އިންޝުއަރެންސާއި ރޯޑު ވޯދިނަސް ނަހައްދާ 115 ހިފަހައްޓާފައިވެ އެވެ.

މީގެ އިތުރުން، ލައިސަންސް ނެތި 140 މީހުން އުޅަނދު ދުއްވާފަވާއިރު 107 މީހަކު ވަނީ ލައިސަންސް އޮވެ ކާޑު ނުލާ ދުއްވާފަ އެވެ. އަދި ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން 17 މީހަކާއި 18 އަހަރު ނުފުރެނީސް ސައިކަލް ދުއްވި ތިން ކުއްޖަކު ހިފަހައްޓާފަވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، ހެލްމެޓު ނާޅާ ދުއްވި 22 މީހަކަށާއި ފޯނުގައި އިނދެ އުޅަނދު ދުއްވި 38 މީހަކަށް ވަނީ ފުލުހުން ނަސޭހަތް ދީފަ އެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރި އަށް އުޅަނދެއްވެސް ހިފަހައްޓާ ނަސޭހަތްދީފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.