ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލަކީ ވަކި ބައެއްގެ ވިސްނުމެއް ނޫން ކަމަށް ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި އިގްތިސޯދީ ކޮމިޓީގައި މަސްވެރިކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު އެ ބިލަށް ހޯދުމަށް ބޭއްވި ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ މަސްވެރިކަމުގެ ބިލަކީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ އެމްއާރުއެމްގެ ވިސްނުމުގެ ބިލެއް ކަމަށާއި އެ ބިލް ދިރާސާ ކުރުމުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހި ތަކުލީފަކަށް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، މަސްވެރިކަމުގެ ބިލަކީ 2014 ވަނަ އަހަރުން ފަށައިގެން އެ މިނިސްޓްރީން ކުރަމުން އައި މަސައްކަތެއް ކަމަށެވެ. އެބިލަކީ ވަކި އެމްއާރުއެމްގެ ނުވަތަ އެހެންވެސް ބައެއްގެ ވިސްނުމެއް ނޫން ކަމަށެވެ.
ޒަހާ ވިދާޅުވީ، އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، އެ މަސައްކަތަކީ ފިޝަރީސް މިނިސްޓްރީގެ ވިސްނުމެއް ކަމަށާއި، އެކަން ކޮށްފައިވަނީ 2014 ވަނަ އަހަރުއްސުރެ އެކަމުގެ ފަންނީ ބޭފުޅުންނާއި، ބޭރުގެ ތަޖުރިބާކާރުންގެ ލަފާ އެކި ފަހަރުމަތިން ހޯދައިގެން ކަމަށެވެ. އަދި އެ ބިލް ހުށަހަޅާފައި ވަނީ ސަރުކާރުން ކަމަށްވެސް ޒަހާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ފިޝަރީސް މިނިސްޓްރީން ވަނީ އެ ބިލުގައި މަސްވެރިކަމާއި ބެހޭގޮތުން ދާދި ފަހުން މަޖިލީހުން ފާސްކުރި ހަތަރު ގަރާރުގައި ހުރިކަންކަން ވެސް ހިމަނާފައިވާ ކަމަށް ބުނެފަ އެވެ.