ފާތުމަތު ފިލްޒާ

ނަޝީދުގެ ނިންމެވުން ގަވައިދާ ހިލާފެއް ނޫން: ފިލްޒާ

Aug 25, 2019
4

ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ނުކޮށް، ސީދާ ކޮމިޓީއަށް ސަޕްލިމެންޓަރީ ބަޖެޓު ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުން ގަވައިދާ ހިލާފު ނޫން ކަމަށް މަޖިލީހުގެ ކައުންސިލާ ޖެނަރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި އާންމުކޮށް އަމަލު ކުރަމުން އަންނަ ގޮތަކީ ބަޖެޓެއް ހުށަހެޅުމަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގެން އެއާ ބެހޭ ތަފްސީލުތައް ވިދާޅުވުމުން އެ ބަޖެޓާބެހޭ ގޮތުން މެންބަރުން ފުރަތަމަ ބަހުސް ކުރެއްވުމެވެ. އެއަށް ފަހު ބަޖެޓު ކޮމިޓީއަށް ފޮނުވުމަށް ފަހު އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ކުރެ އެވެ. ނަަމަވެސް ގާނޫނުން މަނާ ނުކުރާ ކަމަށް ވިދާޅުވީ މަޖިލީހުގެ ރައީސް ނަޝީދު މިއަދު ވިދާޅުވީ ބަޖެޓު ސީދާ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރަން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ އެ ނުކުތާ ފާހަގަކޮށް މެންބަރުންނަށް ފުރަތަމަ ބަހުސް ކުރަން ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދުގެ ނިންމެވުން ރަނގަޅު ނޫން ކަމަށާއި ތަޅުމަށް އަނބުރާ ފޮނުވާލުމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އެހެން ކަމުން ކޮމިޓީން ފުރަތަމަ ނިންމީ އެ މައްސަލާގައި ކައުންސިލާ ޖެނަރަލްގެ ލަފައެއް ހޯދާށެވެ.

ބަޖެޓު ކޮމިޓީއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފިލްޒާ ވިދާޅުވީ ބަޖެޓު ހުށަހެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގައި އޮންނަނީ ކުރިޔަށް އޮތް އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުމުގެ ވާހަކަ ކަމަށާއި ނަމަވެސް މިހާރު ހުށަހެޅިގެން މި އުޅެނީ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން ބަޖެޓަށް އިތުރު ފައިސާ ބޭނުން ވެގެން ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓެއް ކަމަށެވެ.

ފިލްޒާ ވިދާޅުވީ މިހާތަނަށް ސަޕްލިމެންޓަރީ ބަޖެޓަށް އަމަލުކޮށްފައި ވަނީ މަޖިލީހަށް ހުށަހަޅާ ބަޖެޓަށް އަމަލު ކުރާ އުސޫލުން ކަމަށެވެ. ނަމަވެސް މިފަހަރު ފިނޭންސް މިނިސްޓްރީގެ ފަރާތުން މަޖިލީހަށް ލިބިފައި ވަނީ ލިޔުމެއް ކަމަށާއި އެފަދަ ލިޔުމަކާ މެދު އަމަލު ކުރާނެ ސީދާ ގޮތެއް ގަވައިދުގައި ވެސް އަދި މީގެ ކުރިން އަމަލުކޮށްފައި ވެސް ނެތް ކަމަށެވެ. އެހެންކަމުން އެއީ މަޖިލީހުގެ ރިޔާސަތުގެ އިހުތިޔާރުގެ ދަށުން ނިންމަވާފައިވާ ނިންމެވުމަށް ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސް އިހްތިޔާރު ކުރެއްވީ މަޖިލިސް ޗުއްޓީއަށް ދާތީ އެންމެ އަވަހަށް މިކަން [ބަޖެޓު ފާސް] ކުރެވޭނެ ގޮތަކީ ކޮބައިތޯ. ބެލިއިރުގައި މި އޮތީ ލިޔުމުން ހުށަހަޅުއްވާފައި، ދެން ކޮމިޓީއަށް ފޮނުވާފައި ވަގުތުން ދިރާސާ ކުރަން ފުރުސަތު ދީފައި އެއަށް ފަހު ތަޅުމަށް ފޮނުވާ މެންބަރުން ވާހަކަ ދައްކަން ފުރުސަަތު ދޭން. އެއަށް ފަހު ފިނޭންސް މިނިސްޓަރު ވެސް ވަޑައިގެން އެވަރުގެ ސުވާލެއް ކުރައްވަން އޮތިއްޔާ އެ ފުރުސަތު ދެއްވާ ގޮތަށް،" ގާނޫނީ ލަފާ ދެއްވަމުން ފިލްޒާ ވިދާޅުވި އެވެ. "އެހެންވީމަ ކަނޑައެޅިގެން ގަވައިދާ ހިލާފޭ ނުވަތަ ގަވައިދުގައި ލިޔެފައި އޮތް އެއްޗަކާ ހިލާފޭ ދަންނަވަން އަޅުގަނޑަށް ދަތި،"

މަޖިލީހަށް ހުށަހަޅާފައި ވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ. ރައީސް ނަޝީދު ނިންމަވާފައި ވަނީ މިއަދާއި މާދަމާ ހަތަރުދަމު މަސައްކަތް ކުރުމަށް ފަހު މާދަމާ ރޭ ބަޖެޓު ފާސް ކުރުމަށެވެ.