އިބްރާހިމް އަމީރު

އިތުރު ކުރި ބަޖެޓުން އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވާނެ: އަމީރު

މި އަހަރަށް ކުރިން ކަނޑައެޅި ބަޖެޓުގެ ތެރެއިން މިހާތަނަށް ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އިތުރު ކުރި ސަޕްލިމެންޓަރީ ބަޖެޓުން ރާއްޖޭގެ އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މިނިސްޓަރު އަމީރު ވިދާޅުވީ މި އަހަރުގެ ފަތުރުވެރިކަން ކުރިއަރައި އިގްތިސާދީ ދުވެލި ރަނގަޅުވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރަން ރާވާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ބަޖެޓުގައި ހިމެނިފައިވާ އަދަދު ހޭދަކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންކަމުން މި ބަޖެޓު ސަޕްލިމެންޓް ކުރެވިގެން ދިއުން ވެގެން ދާނީ އެ މަޝްރޫއުތައް އެ ގޮތުގައި ހިންގުމަށް އެޅިގެންދާ ބާރަކަށް. ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވި ކުރާނެ ވަސީލަތަކަށް. މި ބަޖެޓާއެކެ މާލީ ނިޒާމަށް ހީނަރު ކަމެއް ނާންނާނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ މި އަހަރަށް ފާސްކުރި ބަޖެޓު ހުސްވެގެންނެއް ނޫނެވެ. މި އަހަރަށް ފާސްކުރި 30.3 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދު ކުރީ 15.1 މިލިއަން ރުފިޔާ އެވެ. އަދި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި 23.3 ބިލިއަން ރުފިޔާގެ ތެރެއިން 14.2 ބިިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

"ފަތުރުވެރިކަމުގެ ސިނާއަތް ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށް ވުރެ ބާރަށް ކުރިއަރަމުންދާއިރު އަހަރު ނިމޭއިރު ދައުލަތަށް ލިބޭ އާމްދަނީގެ މިންވަރު ފާސްކުރި އަދަދަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ ބަޖެޓު ހުށަހެޅި ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދުމަށްޓަކައި ހިންގުމަށް ރާވާފައިވާ އިތުރު ހަރަކާތްތައް ހޭދަ ކުރުމަށެވެ.

ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުން ދަރިވަރުންގެ ސްކޮލާޝިޕާއި ލޯން ސްކީމަށް 300 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ޕްރޮގްރާމް 81 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުން 294.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، މިދިޔަ ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލުގައި ފެށި މަޝްރޫއުތައް ކުރިއަށް ގެންދަން 150 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ބޭނުންވާ އިތުރު 94.5 މިލިއަން ރުފިޔާއައި މި އަހަރު ފާސްކުރި ގާނޫނުތަކުން އުފެދުނު އާ މުއައްސަސާތަކުގެ ބަޖެޓަށް 18.7 މިލިއަން ރުފިޔާ ވަނީ ސަޕްލިމެންޓަރީ ބަޖެޓުގައި ކަނޑައަޅާފަ އެވެ.

މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް 350 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ސަރުކާރު ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް 189.4 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އަދި ވައިގެ ދަތުރުފަތުރު އަގު ހެޔޮކުރަން އައިލެންޑް އޭވިއޭޝަނަށް ދޭ 35 މިލިއަން ރުފިޔާ އާއި ކަރަންޓް އަގުހެޔޮ ކުރަން ސަރުކާރުގެ ކުންފުނިތަކަށް ދޭ 24.4 މިލިއަން ރުފިޔާވެސް ހިމެނެ އެވެ.

މި ބަޖެޓަށް ލިބޭ އާމްދަނީގެ ގޮތުގައި ކަނޑައަޅާފައި ވަނީ ސައުދީ އަރަބިއްޔާއިން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 618 މިލިއަން ރުފިޔާއާއި އިންޑިއާ ސަރުކާރުން ދީފައިވާ 100 މިލިއަން ރުފިޔާ އެވެ.

މިއަދު މަޖިލީހަށް ހުށަހެޅުނު ސަޕްލިމެންޓަރީ ބަޖެޓު ނުލައި މަޖިލީހުން މި އަހަރަށް ފާސްކުރީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. ނަމަވެސް ސަޕްލިމަންޓަރީ ބަޖެޓު ހިމެނުމުން، އެ އަދަދު 4.98 ބިލިއަނަށް އަރާނެ އެވެ.