ހަބަރު

ޑެފިސިޓް އިތުރުވެގެން އިންފްލޭޝަން މަތިވާނެކަމަކަށް ނުބެލެވޭ: އެމްއެމްއޭ

Aug 25, 2019

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއެކު، މިއަހަރުގެ ޖުމްލަ ބަޖެޓް ޑެފިސިޓް ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާއަށް އެރި ނަމަވެސް، އެކަމުގެ ސަބަބުން އިންފްލޭޝަން މަތިވާނެކަމަށް ނުބެލެވޭކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

މި އަހަރަށް ހަރަދު ވާނެ ކަމަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ނަމަވެސް ސަރުކާރުން މިއަދު ވަނީ އިތުރު 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުން މަޖިލީހުގައި އެދިފަ އެވެ.

މަޖިލީހަށް ހުށަހެޅި މާލީ ހިސާބުތަކަށް ބަލާއިރު، ސަޕްލިމަންޓަރީ ބަޖެޓު ނުލައި މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު، 4.4 ޕަސަންޓެވެ. ނަމަވެސް، ސަޕްލިމަންޓަރީ ބަޖެޓު ހިމެނުމުން، އެ އަދަދު 4.98 ބިލިއަނަށް އިތުރުވާއިރު، އުފެންދުންތެރިކަމުގެ ނިސްބަތުން ޑެފިސިޓް 5.6 ޕަސަންޓަށް މަތިވެ އެވެ.

ޑެފިސިޓް މަތިވާ ސަބަބަކީ އިތުރު ކުރަން ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 986.4 މިލިއަން ހޯދަނީ ސަރުކާރުގެ ޓްރެޒަރީ ބިލާއި ބޮންޑް ވިއްކައިގެން ކަމަށްވާތީ އެވެ. އެ ބަޖެޓްގައި އާމްދަނީގެ ގޮތުގައި ހިމަނާފައިވަނީ ސައުދީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 618.8 މިލިއަން ރުފިޔާގެ އިތުރުން އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލަފާ ހޯދަން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިޔުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވިދާޅުވީ ޑެފިސިޓް އިތުރުވެގެން ދިޔުމުގެ ސަބަބުން މާލީ ނިޒާމަށް އެކަމުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މާލީ ނިޒާމަށް އިތުރު ވެގެންދާ ފައިސާ އާއެކު އިންފްލޭޝަން މަތިވެދާނެކަމަށް އެމްއެމްއޭއަށް ލަފާނުކުރެވޭކަމަށް ޒާހިރާ ފާހަގަކުރެއްވި އެވެ.

"މިއަހަރު އިންފްލޭޝަން ހުންނާނެކަމަށް ލަފާކޮށްފައިވާ 0.7 ޕަސަންޓަށް ވުރެ އިތުރުވާނެކަމަކަށް ނުބެލެވޭ. އެއީ އެކްސްޗޭންޖަށް އަތުވެދާނެ ޕްރެޝަރަށް އިންޑިއާ އިން ދީފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީގެ ބޭނުން ހިފޭނެ އެކަމަށް ބޭނުންވެއްޖެ ހިނދެއްގައި،" އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި ރާއްޖެއަށް ބޭނުންވާ ތަކެތީގެ 99 ޕަސަންޓް އިމްޕޯޓް ކުރާއިރު، އިންފްލޭޝަންގެ ކޮންޓްރޯލެއް ސަރުކާރަކަށް ނޯވެ އެވެ. ނަމަވެސް، ސަރުކާރުގެ ޓްރެޜަރީ ބިލުތަކާއި ބޮންޑު ވިއްކައިގެން ނިޒާމުގެ ތެރެއަށް އިތުރުވާ 900 އަށް ވުރެ ގިނަ މިލިއަން ރުފިޔާއާއެކު އެކްސްޗޭންޖަށް ކުރާ ޕްރެޝަރުތައް އެކަށީގެންވާ ފިވަޔަޅުތަކާއެކު ކުޑަކުރެވި، އިންފްލޭޝަން އިތުރުނުވެ ހިފެހެއްޓޭނެކަމަށް އެމްއެމްއޭއިން އިތުރަށް ބުންޏެވެ.

ސަރުކާރުގެ ބޮންޑުތައް ރާއްޖޭގެ ބޭންކުތަކަށް ވިއްކައިގެން އެ ބޭންކުތަކުން އާންމުންނަށް ދޭ ލޯނުތަކަށް އެއްވެސް އަސަރެއް ކުރާނެތޯ ބައެއް މެންބަރުން ވަނީ ސުވާލުކުރައްވައިފަ އެވެ. އަދި ޓީ ބިލާއި ބޮންޑުތައް ވިއްކައިގެން ދައުލަތުގެ ދަރަނި އިތުރުވަމުން ދިޔުމާ ގުޅޭގޮތުން މެންބަރުން ވަނީ ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޒާހިރާ ވިދާޅުވީ ސަރުކާރުގެ ބޮންޑުތަކުގައި އިންވެސްޓް ކުރުމުގެ މާލީ ގާބިލުކަން ރާއްޖޭގައި ހިންގާ ބޭންކުތަކުގައި އެބަހުރި ކަމަށެވެ. އަދި އާންމުންނަށް ލޯނު ދޫކުރުމުގައި ދަތިތަކެއް ކުރިމަތިވަނީ ބޮންޑު ގަތުމުގެ ސަބަބުން ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ބޭންކުތަކުގައި ލެންޑިންގް އެޕެޓައިޓް އެބަހުރިކަމަށް އަޅުގަނޑުމެންނަށް ފެންނަނީ. ލިކުއިޑީޓީ ވެސް އެބަހުރި. އެކަމަކު އާންމުންނަށް ލޯނު ދޫކުރުމުގައި އެބަހުރި އެހެން ކަންތައްތަކެއް. ލޯނަށްދޭ ފައިސާ އަނބުރާ ހޯދުމުގައި ރިސްކް ބޮޑުވީމާ ލޯނު ދޭން ފަސްޖެހެނީ،" ޒާހިރާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޖުޑީޝަރީއާއެކު މުޅި ނިޒާމް ހަރުދަނާ ކުރެވިއްޖެނަމަ، ލޯނު ދިނުމުގައި ބޭންކުތަކަށް ކުރިމަތިވެފައިވާ ރިސްކު ކުޑަވެގެންގޮސް، އެ ފައިސާ އަނބުރާ ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރެވޭނެ ކަމަށެވެ.

ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހުނު މައިގަނޑު ސަބަބެއް ކަމުގައި ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމުގެ އިތުރުން އަލަށް އުފެދުނު ގާނޫނުތަކުގެ ދަށުން ދައުލަތުން ކުރަންޖެހޭ ހަރަދުތައް ލަފާ ކުރެވުނު ވަރަށް ވުރެ އިތުރުވުމާ ގުޅިގެން ކަމަށެވެ.

މިގޮތުން، މައިގަނޑު ގޮތެއްގައި 925.9 މިލިއަން ރުފިޔާއާއެކު އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ފިނޭންސް މިނިސްޓްރީ އަށެވެ. އޭގެ ތެރޭގައި އެސްއެމްއީ ކޯޕަރޭޝަނަށް ދޭންޖެހޭ 350 މިލިއަން ރުފިޔާގެ ކެޕިޓަލްގެ އިތުރުން، ބަޖެޓް ކޮންޓިންޖެންސީގެ ގޮތުގައި ކަނޑައަޅާފައިވާ 225 މިލިއަން ރުފިޔާ ހިމެނެ އެވެ. އިތުރުން ހިދުމަތްތައް އަގުހެޔޮ ކުރުމުގެ ގޮތުން ސަބްސިޑީގެ ގޮތުގައި 189.4 މިލިއަން ރުފިޔާގެ ތެރޭގައި އާމްދަނީ ދަށްވުމުގެ ސަބަބުން އެމްޑަބްލިއުއެސްސީ އަށް ދޭ 130 މިލިއަން ރުފިޔާ އާއި ވައިގެ ދަތުރުފަތުރު އަގު ހެޔޮކުރަން އައިލެންޑް އޭވިއޭޝަނަށް ދޭ 35 މިލިއަން ރުފިޔާ އާއި ކަރަންޓް އަގުހެޔޮ ކުރަން ސަރުކާރުގެ ކުންފުނިތަކަށް ދޭ 24.4 މިލިއަން ރުފިޔާވެސް ހިމެނެ އެވެ.

ބަޖެޓުގެ ދެން އެންމެ ބޮޑުބައެއް ދޭން ނިންމާފައިވަނީ ހެލްތު މިނިސްޓްރީ އަށެވެ. އެއީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ 309 މިލިއަން ރުފިޔާ އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް 300 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ އިތުރު ކިޔަވާ ލޯނު ފުރުސަތުތަކަށް ވެސް ބަޖެޓުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި ވަނީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ނިންމައި، މާދަމާ ރޭ ބަޖެޓު ފާސް ކުރުމަށެވެ.