ހަބަރު

"ގެޓްސެޓް ދިނީ އުސޫލާ ހިލާފަށް، މިފަހަރު ވިސްނަންޖެހޭ"

Aug 25, 2019

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރަން ކުރީގެ ސަރުކާރުން ތައާރަފުކުރި ގެޓްސެޓް ލޯނު ބައެއް ފަރާތްތަކަށް ދީފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށާއި، މި ސަރުކާރުން ދޭން ނިންމާފައިވާ އެސްއެމްއީ ލޯނު ދިނުމުގައި އެކަމަށް ސަމާލުވާންޖެހޭ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.

ޒުވާން ވިޔަފާރިވެރިން އުފައްދަން ފަރުމާކޮށްފައިވާ ގެޓްސެޓް މޮޑެލްގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ. ނަމަވެސް، އެ ލޯނުތައް ދޫކުރި ފަރާތްތަކުން ކާމިޔާބު ވިޔަފާރިތަކެއް ގާއިމު ކުރެވުނުކަން ނޫންކަން މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.

އޭގެ ފަހުން މި ސަރުކާރުން ވަނީ އެސްއެމްއީ ކޯޕަރޭޝަނެއް އުފައްދައިގެން އޭގެ ދަށުން ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ލޯނު ދޭން ނިންމައިފަ އެވެ. އަދި ލޯނު ދޫކުރުމަށްޓަކައި މިއަހަރު ސަރުކާރުން ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓުގައި އެސްއެމްއީ ކޯޕަރޭޝަނަށް ދޭންޖެހޭ 350 މިލިއަން ރުފިޔާގެ ކެޕިޓަލް ވަނީ ހިމަނައިފަ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް އޮޑިޓް އޮފީހުގެ ގެ ލަފާ ހޯދަން މިއަދު ބޭއްވި ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވި ގޮތުގައި ކުދި ވިޔަފާރިތަކަށް ދައުލަތުން ހަރަދު ކުރާއިރު، މީގެ ކުރިން ހިނގާފައިވާ ކަންތައްތައް އިޔާދަވިޔަ ދީގެން ނުވާނެ އެވެ.

"މީގެ ކުރިން ހިންގި ގެޓްސެޓް ލޯނު ވެސް ގިނަ ބަޔަކަށް އެބަހުރި އުސޫލުތަކާ ހިލާފަށް ދީފައި. އޭގެ ތެރެއިން އަޅުގަނޑުމެން ބަލަމުން މިދަނީ ކޮން ބައެއްތޯ އަދިވެސް ވިޔަފާރި ކުރަނީ. އަދި އެ ލޯނުތައް ސަރުކާރަށް އަނބުރާ ދައްކަމުން ދޭތޯ،" ޒިޔަތު ހާމަކުރެއްވި އެވެ.

ގެޓްސެޓް ހިންގި އުސޫލާ އެއްގޮތަށް، ކުދި ވިޔަފާރިތަކަށް ލޯނު ދިނުމަށްފަހު އިންކިއުބޭޓާ ސިސްޓަމެއްގެ ތެރެއިން އެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަށާޖެހޭ ގޮތަކަށް ކަންކަން ކުރަންޖެހޭ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. ލޯނުގެ ބޭނުމަކީ ކުދި ވިޔަފާރިތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރި އަރައިގެން ދިޔުމުގެ މަގު ފަހިކޮށްދިނުން. އެކަމަށްޓަކައި އެ ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

ޒިޔަތު އިތުރަށް ވިދާޅުވި ގޮތުގައި އެސްއެމްއީ ލޯނުގެ އިތުރުން ކިޔަވާ ލޯނަށް ވެސް ސަޕްލިމަންޓަރީ ބަޖެޓުގައި 300 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، އެވެސް އަނބުރާ ދައުލަތަށް ލިބޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދެ ބޭންކެއް މެދުވެރިކޮށް އެ ލޯނު ދަރުވަރުންނަށް ދޭން ހަމަޖެހިފައިވާއިރު، އެކަމަށްޓަކައި ބޭނުންތަކުން ނަގާ އިދާރީ ފީ ވެސް ދައުލަތަށް ބުރަ ނުވާ ގޮތަކަށް ހަމަޖައްސަންޖެހޭކަމަށް ވިދާޅުވި އެވެ.

ސަޕްލިމަންޓަރީ ހިދުމަތްތައް އަގުހެޔޮ ކުރުމުގެ ގޮތުން ސަބްސިޑީގެ ގޮތުގައި 189.4 މިލިއަން ރުފިޔާގެ ތެރޭގައި އާމްދަނީ ދަށްވުމުގެ ސަބަބުން އެމްޑަބްލިއުއެސްސީ އަށް ދޭ 130 މިލިއަން ރުފިޔާ ހިމަނާފައިވާތީ އެކަމާވެސް އޮޑިޓް އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކުޑަ އަގެއްގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން އެ ކުންފުނީގެ ބޭރުގެ ހިއްސާދާރަށް ސަރުކާރުން ބަދަލުދޭންޖެހޭ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުން އަލުން މުރާޖައާކޮށް އެ ބުރަ ކުޑަކުރެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

މި އަހަރަށް ހަރަދު ވާނެ ކަމަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ނަމަވެސް ސަރުކާރުން މިއަދު ވަނީ އިތުރު 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުން މަޖިލީހުގައި އެދިފަ އެވެ.

މަޖިލީހަށް ހުށަހެޅި މާލީ ހިސާބުތަކަށް ބަލާއިރު، ސަޕްލިމަންޓަރީ ބަޖެޓު ނުލައި މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު، 4.4 ޕަސަންޓެވެ. ނަމަވެސް، ސަޕްލިމަންޓަރީ ބަޖެޓު ހިމެނުމުން، އެ އަދަދު 4.98 ބިލިއަނަށް އިތުރުވާއިރު، އުފެންދުންތެރިކަމުގެ ނިސްބަތުން ޑެފިސިޓް 5.6 ޕަސަންޓަށް މަތިވެ އެވެ.

ޑެފިސިޓް މަތިވާ ސަބަބަކީ އިތުރު ކުރަން ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 986.4 މިލިއަން ހޯދަނީ ސަރުކާރުގެ ޓްރެޒަރީ ބިލާއި ބޮންޑް ވިއްކައިގެން ކަމަށްވާތީ އެވެ. އެ ބަޖެޓްގައި އާމްދަނީގެ ގޮތުގައި ހިމަނާފައިވަނީ ސައުދީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 618.8 މިލިއަން ރުފިޔާގެ އިތުރުން އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ރުފިޔާ އެވެ.