މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހިއްކާފައިވާ ސިނައީ އަވަށް ތަރައްގީ ކުރަން ހަވާލު ކުރި އެއްވެސް މަޝްރޫއެއް ނުހިނގާ ކަމަށާއި މިހާރު އެ ސަރަހައްދު ޖަންކްޔާޑް އަކަށް ބަދަލުވެފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިނާއީ އަވަށުގެ މަގްސަދަކީ މާލޭ ތެރޭގައި ހުރި ޑެންސް ރެޒިޑެންޝަލް ސަރަހައްދުތަކުގައި ހުރުން ރަނގަޅު ނޫން ގުދަނާއި ވޯކްޝޮޕް ފަދަ ތަންތަން ސިނާއީ އަވަށަށް ބަދަލުކޮށް ރައްޔިތުންނަށް ހިތް ފަސޭހަ މާހައުުލެއް ހޯދައި ދިނުން ކަމަށެވެ.
އެކަމާ ގުޅިގެން މާލެ ތެރޭގައި އެސްޓީއޯގެ ދަށުގައި ހުރި ގިނަ ބިންތައް ނަގައި އޭގެ ބަދަލުގައި މަލްޓި ސްޓޯރީ ވެއާ ހައުސް ބިލްޑިން އެޅުމަށް އެމްޕީއެލްއާ ބިން ހަވާލު ކޮށްފައިވާ ކަމަށާއި މާލޭ ޑީވޯޓަރިން ހައްލު ކުރަން ޕަންޕު ސްޓޭޝަނެއް ވެސް އެތަނުގައި ހެދުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ދޯނި ފަހަރަށް ތެޔޮ އަޅަން ފިއުލް ޑިސްޕެންސާ ސިސްޓަމެއް ސިނާއީ އަވަށުގައި ގާއިމް ކުރަން އެސްޓީއޯއާ ހަވާލު ކޮށްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ސަރަހައްދަށް ބޭނުންވާ ކަރަންޓު އުފައްދަން ސްޓެލްކޯއާ ބިން ހަވާލުކޮށްފައިވާ ކަމަށާއި 20 ބުރީގެ ޕާކިން ބިލްޑިން އެއް އަޅަން ވެސް ޕްލޭންކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ހިނގާ ތަން ނުފެންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މާލެ އިންޑަސްޓްރިއަލް ވިލެޖު ހިއްކި މަގްސަދު ހާސިލު ނުވެ ޖަންކްޔާޑްއަކަށް ވަނީ ބަދަލުވެފައި،" މުއިއްޒު ވިދާޅުވި އެވެ.
ސިނާއީ އަވަށަކީ ކުރީ ސަރުކާރުން ފަސް ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީ ކުރަން ފަށާފައިވާ އަވަށެކެވެ. އެ މަސައްކަތް ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އޭރު މިނިސްޓަރު ކަމުގެ މަގާމްގައި ހުންނަވައިގެން މުއިއްޒު ވިދާޅުވެފައި ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހަށް އެ ތަނުގެ ބޮޑުބައި ތަރައްގީކޮށް ނިންމައި، އާންމުނަށް ހުޅުވާލާނެ ކަމަށެވެ. އެހެން ނަމަވެސް ކުރީ ސަރުކާރު ނިމިގެން ދިޔަ އިރު ވެސް އެތަނުގެ މަސައްކަތް އޮތީ ނުހިނގަ އެވެ.