ހުޅުމާލެ

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރި ކުރަން ހުޅުވާލައިފި

Aug 25, 2019

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކުޅިވަރާ ގުޅޭ ތަކެތި ވިއްކުމުގެ ވިޔަފާރިއާއި ރީޓެއިލް ވިޔަފާރިތަކަށް ކަމަށެވެ. އަދި އެ ވިޔަފާރިތައް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ވިޔަފާރީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 23 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.

އެ ކޯޕަރޭޝަން އިން ބުނެފައި ވަނީ ރެސްޓޯރަންޓުތަކާއި ކުޅިވަރާ ގުޅޭ ތަކެތި ނުވަތަ ރީޓެއިލް ވިޔަފާރި ކުރި ނަމަވެސް ބިން ދޫކުރަނީ 10 އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެގޮތުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ކެފޭ އާއި ރެސްޓޯރަންޓުގެ ވިޔަފާރި ކުރަން 75000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ދައްކަން ޖެހެ އެވެ.

އަދި ކުޅިވަރާ ގުޅޭ ތަކެތި އިންޑޯގައި ވިއްކާ ނަމަ ދައްކަން ޖެހެނީ 50،000 ރުފިޔާގެ ބިޑް ސެކިއުރިޓީ އެކެވެ. އައުޓްޑޯ ސްޕޯޓްސް ކޮމްޕެލެކްސްގައި ވިޔަފާރި ކުރާ ނަމަ ދައްކަން ޖެހެނީ 25،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ކަމަށް އެޗްޑީސީ އިން ބުންޏެވެ.