ދުނިޔެ

އެހެން ވަޒީފާއެއް އިހްތިޔާރުކުރެވޭނެ ނަމަ ވާން ބޭނުން ވަނީ ބިޔޯންސޭ އަށް: މިޝޭލް އޮބާމާ

Aug 2, 2015

މިއީ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ވާލޭއާ އެކު އެމެރިކާގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ވައިޓް ހައުސްގައި ރިކޯޑްކޮށްފައިވާ ފިނި އިންޓަވިއުއެއްގައި ބުނެފައިވާ ވާހަކަ އެކެވެ.

އިންޓަގްރާމަށް އިއްޔެ އާންމުކުރި މި އިންޓަވިއުގައި، ފަސްޓް ލޭޑީ ނޫން އެހެން ވަޒީފާއެއް އިހްތިޔާރުކުރަން ލިބިއްޖެ ނަމަ އެ ހޮވުމަކަށް ވާނީ ކޮބައިތޯ ސުވާލުކުރުމުން މާ ބޮޑު ވިސްނުމަކަށް ނުގޮސް މިޝޭލް އޮބާމާ ވިދާޅުވީ "ވާން ބޭނުންވަނީ ބިޔޯންސޭ އަށް" ކަމަށެވެ.

ސަމާސާ ރާގެއްގައި މިޝޭލް ދެން ވިދާޅުވީ ލަވަތަކުގައި ބިޔޯންސޭ ނަށާ ގޮތަށް އެކަމަނާ އަށް ވެސް ނަށަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. މިއީ ބިޔޯންސޭ އަށް ވާން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން ވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ޕީޕަލް މަޖައްލާ އަށް 2012 ވަނަ އަހަރު ދެއްވި އިންޓަވިއުއެއްގައި ވެސް މިޝޭލް އެކަމަނާގެ މި ހުވަފެނެއްގެ ވާހަކަ ދެއްކެވި އެވެ.

"އަޅުގަނޑަށް ހުނަރުވެރިކަމެއް ލިބިފައިވާ ނަމަ އަހަރެން ވާން ބޭނުންވަނީ ބިޔޯންސޭ އަށް. މޮޅު ލަވަކިޔުންތެރިޔަކަށް. މިއުޒިކަލް އާލާތެއް ކުޅެލެވޭ ވަރުގެ މީހަކަށް. ފެންނަ ފެނުމަށް ހީވަނީ މިއުޒީޝަނުން ހެން އެންމެ މަޖާކޮށް އުޅެނީ،" އެފަހަރުގެ އިންޓަވިއުގައި މިޝޭލް ވިދާޅުވީ މިހެންނެވެ.

އޮބާމާ އާއިލާ އަކީ ބިޔޯންސޭގެ ނިކަން ބޮޑު ފޭނުންތަކެކެވެ. ބަރަކް އޮބާމާ ވިދާޅުވާ ގޮތުން އެ ބޭފުޅާގެ އަނބިކަނބަލުން މިޝޭލް އަކީ ހަމަ ބިޔޯންސޭއެއް ކަހަލަ އަންހެނެކެވެ.

އޮބާމާ ފުރަތަމަ ފަހަރަށް ވެރިކަމަށް ވަޑައިގެން ބޭއްވި ނެއިބަހުޑް ބޯލްގައި 2009 ވަނަ އަހަރު އޮބާމާ އާއި މިޝޭލްގެ ހާޒިރުގައި ބިޔޯންސޭ ޕާފޯމްކުރި އެވެ.