ހަބަރު

"ހައްޖު ރޯގާ" ޖެހިގެން އިމްރާނަށް މަޖިލީހަށް ވަޑައިނުގަނެވުނު

Aug 26, 2019

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޖުގެ އަޅުކަމަށް ފަހު އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައި ނުގެނެންވި އެވެ.

މަޖިލީހުގައި މިއަދު ތާވަލުކޮށްފައި ވަނީ ފެބްރުއަރީ 7، 2012 އާއި ފެބްރުއަރީ 8، 2012 ގައި ހިނގި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން އިމްރާނާ ސުވާލު ކުރުމެވެ. އެ ސުވާލު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.

މަޖިލީހުގެ ޖަލްސާ ފައްޓަވައި އެޖެންޑާ އިއުލާން ކުރެއްވުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިމްރާންއާ ސުވާލު ކުރުމަށް ތާވަލުކޮށްފައިވީ ނަމަވެސް "މިނިސްޓަރު 'ހައްޖު ރޯގާ' ގެ ތުރާގައި އުޅުއްވާ" ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ފުރިހަމަ ސިއްހަތަށް ފަހު ވީހާވެސް އަވަހަށް މަޖިލީހަށް ވަޑައިގަތުމަށް އެދިވަޑައިގެންފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ޖާބިރުގެ ހުށަހެޅުއްވުމުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ކުރީ ރޭގައި ޣައިރު ގާނޫނީ އަމުރު ކުރާ ކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަން ނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލު ނުވެ ހަމަނުޖެހުންތައް ހިނގި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ބަޔަކު މީހުން ނުކުމެ މާލެއާއި ބައެއް ރަށްރަށުގެ ފުލުސް ސްޓޭޝަންތަކާއި ދައުލަތުގެ އެހެން އިމާރާތްތަކާ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.