އެމެރިކާއާ ޗައިނާގެ މެދުގައި ދިމާވެފައިވާ ވިޔަފާރީގެ މައްސަލަތައް ހައްލު ނުވެގެން އުޅެނިކޮށް، ޗައިނާގެ މުދަލުން ނަގާ ޓެކްސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިތުރު ކުރުމަށް ނިންމުމުން، މިހާރު އެކަމާ ހިތާމަކުރާ ކަމަށް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ޖީ-7 ސަމިޓުގެ ތެރެއިން ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވީ، ދެ ވަނަ ވިސްނުމަކަށް ނުގޮސް ޗައިނާއިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޓެކްސް އިތުރު ކުރުމަކީ ކުރެވުނު މޮޔަ ކަމެއް ކަމަށެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ.
ޗައިނާއިން އެތެރެކުރާ މުދަލުން ޓްރަމްޕު ވަނީ 10 ޕަސަންޓާއި 15 ޕަސަންޓުގެ ޓެކްސް އެއް ނަގަން ނިންމާފަ އެވެ. އަދި އެއަށްފަހު ވެސް ޗައިނާއެކު އެމެރިކާ ކުންފުނިތައް ވިޔަފާރި ކުރާނަމަ 25 ޕަސަންޓާއި 30 ޕަސަންޓުގެ ޓެކްސް އެއް ނަގާނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.
ޓެކްސް ބޮޑު ކުރުމުން، އެކަން އެގޮތަށް ނުކުރުމަށް ޗައިނާއިން ވަނީ އެތަކެއް ފަހަރު އެމެރިކާ އަށް ގޮވާލާފަ އެވެ. ޓެކްސް ބޮޑު ކުރުމާއި ގުޅިގެން މީގެ ކުރިން ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޓްރަމްޕަށް އެމެރިކާއިން ޗައިނާއެކު ކުރާ ވިޔަފާރީގެ އަސްލު އޮޅިފައި ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ގޮތް ނިންމުމުގެ ކުރިން، ވިސްނަން ޖެހޭނެ ކަމަށާއި، ޓެކްސް ބޮޑު ކުރިޔަސް ގެއްލުންވާނީ އެމެރިކާގެ އިގްތިސޯދަށް ކަމަށް ޓްރަމްޕަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
މިއީ އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން ޓްރަމްޕު ޓެކްސް ބޮޑުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޓެކްސް ބޮޑު ކުރުމުން، ދިމާވި ޕްރެޝަރުތަކުގެ ސަބަބުން ބޮޑުކުރި ޓެކްސް ޓްރަމްޕު ވަނީ އުވާލާފަ އެވެ.
ޓްރަމްޕު ޗައިނާ މުދަލުން ނަގާ ޓެކްސް ބޮޑުކުރަން ނިންމީ، ޗައިނާގެ އިގްތިސާދު އެމެރިކާއަށް ވުރެ މައްޗަށް އަރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކާތީ އެވެ. ކޮންމެ އަހަރަކު އެމެރިކާ ކުންފުނިތަކުން، ޗައިނާއެކު އެއް ޓްރިލިއަން ޑޮލަރުގެ ވިޔާފާރި ކުރެ އެވެ.
ފްރާންސުގައި މިހާރު ކުރިއަށްދާ ޖީ-7 ބައްދަލުވުމުގެ ތެރެއިން ޖަޕާނާއެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަސައްކަތް ޓްރަމްޕު ދަނީ ކުރަމުންނެވެ. މި އެއްބަސްވުމުގެ ބޭނުމަކީ، އެމެރިކާއިން ޗައިނާއަށް އޮތް މާކެޓް ޖަޕާނާ ދިމާއަށް އަނބުރާލުމެވެ.