ހަބަރު

އޭޑީބީގެ ރައީސް ރާއްޖެއަށް ވަޑައިގެންފި

Aug 26, 2019

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކެހީކޯ ނަކާއޯ ރާއްޖެ ވަޑައިގެންފި އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވުމުން، އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

ނަކާއޯ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފިނޭންސް މިނިސްޓަރާއި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ނަކާއޯގެ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއްވެސް ވަނީ އިންތިޒާމްކޮށްފަ އެވެ.

އޭޑީބީ އަކީ ރާއްޖެއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ އެއް އިދާރާ އެވެ. އެގޮތުން އިލެކްޓްރޯނިކް މެކޭނިޒަމް ބޭނުން ކޮށްގެން ވިޔަފާރި އަދި ހިދުމަތްދޭ ފަރާތްތަކުން ބިޒްނަސް ޓްރާންސްސެކްޝަން ހެދުމަށް މަގުފަހިކޮށްދޭނެ ނިޒާމެއް ގާއިމުކުރުމަށް އޭޑީބީން ވަނީ މިދިޔަ ޖޫން މަހު 10 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދީފަ އެވެ.