ޖެހިޖެހިގެން ކާމިޔާބު ފިލްމުތަކެއް ރިލީޒްވެފައިވާ ބަތަލާ ދިޕިކާ ޕަދުކޯން އަކީ މިވަގުތު ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ލިސްޓްގެ ކުރީ ސަފުގައި ގުނާލެވޭނެ ތަރިއެކެވެ.
ދިޕިކާގެ އެންމެފަހުން ރިލީޒްވި ތިން ފިލްމު ކަމަށްވާ "ހެޕީ ނިއުއިޔާ" "ފައިންޑިން ފެނީ" އަދި "ޕީކޫ" ވެސް ހިޓަކަށްވެފައިވާއިރު، އަނެއްކާވެސް ދިޕިކާގެ ލިސްޓަށް އިތުުރު ހިޓް ފިލްމެއް އަންނަން އުޅޭ ކަމުގެ ހަބަރުތައް ވަނީ ފެތުރިފަ އެވެ.
ދެހާސް ދިހަ ވަނަ އަހަރު ނިކުތް "ރޮބޮޓް" ފިލްމުގެ ޑައިރެކްޓަރު ޝަންކަރު ވަނީ ދޕިކާ މިފިލްމުގެ ސީކުއެލްގެ ބަަތަލާގެ ރޯލު ރަޖްނީކާންތް އާއިއެކު ކުޅުމަށް ހުށަހަޅާފަ އެވެ.
"ރޮބޮޓް" އަކީ ތަމަޅަ ފިލްމު "އެންތިރަން" ގެ ހިންދީ ރީމޭކް އެކެވެ.
ދިޕީކާ ވަނީ މީގެކުރިންގެވެސް ރަޖްނީކާންތް އާއިއެކު އޭނާގެ އަންހެން ދަރިފުޅު ފުރަތަމަ ޑައިރެކްޓްކުރި ތަމަޅަ ފިލްމު 'ކޮޗަޑައިޔާ" ގައި ހަރަކާތްތެރިވެފަ އެވެ.
ބަތަލާ އައިޝްވާރިޔާ ރާއީ ރަޖްނީކާންތް އާއިއެކު ލީޑްރޯލުން ފެނިގެން ގޮސްފައިވަ "ރޮބޮޓް" ވަނީ 2010 ވަނަ އަހަރު ނިކުތް ހިންދީ ފިލްމުތަކުގެ ތެރެއިން ސުޕަސްޓާ ޝާހްރުކް ޚާންގެ "މައި ނޭމް އިޒް ޚާން" އާއި ސަލްމާން ޚާންގެ "ދަބަންގް" އަށް ވުރެން ގިނަ ފައިސާ ލިބިފަ އެވެ. އަދި މިހާތަނަށް ތަމަޅަ ފިލްމަކަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވާ "ރޮބޮޓް" ގެ ރެކޯޑް މުގުރާލާފައިވަނީ މިފަހުން ނިކުތް އެސް އެސް ރާޖާމޯލީގެ "ބާހޫބަލީ" އިންނެވެ.
މިފަހުން ނިކުތް ދިޕިކާގެ ފިލްމުތަކަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، އޭނާ ވަނީ ފިލްމު ކުޅެދޭ އަގު ދެގުނަ އަށް ބޮޑުވެސް ކޮށްފަ އެވެ. މީގެއިތުރުންވެސް ދިޕިކާ އަކީ ކޮންމެ ކޮންމެ ފިލްމެއް ކުޅެދޭން އެއްބަސްވާ ތަރިއެއް ނޫނެވެ.
މިފިލްމު ކުޅެން ދިޕިކާއަށް ހުށަހަޅާފައިވާ ކަމުގެ ހަބަރުތަކެއް ފެތުރިފައިވީ ނަމަވެސް، ރާޝް ރާޖް ފިލްމްސްގެ ވެރިޔާ އަދިތްޔަ ޗޯޕްޅާ ބޭނުންވަނީ ދިޕިކާ އެކްޓަރު ރިތިކް ރޯޝަން އާއިއެކު "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓްކުރާ "ވިކްޓަރީ" ގެ ބަތަލާގެ ރޯލު ކުޅެން ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ.
ދިޕިކާ މީގެކުރިން ޔާޝް ރާޖްގެ "ބަޗްނާ އެއި ހަސީނޯ" ގައި ރަންބީރު ކަޕޫރު އާއި މިނީޝާ ލާމްބާ އަދި ބިޕާޝާ ބާސޫ އާއިއެކު ފެނިގެން ގޮސްފައިވާއިރު، މިހާރު ދިޕިކާ އަންނަނީ ޑައިރެކްޓަރު އިމްތިޔާޒު އަލީގެ "ތަމާޝާ"ގެ މަންޒަރުތައް ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކު ނަގަމުންނެވެ.
ދެން އެންމެ އަވަހަށް ދިޕިކާ ފެނިގެންދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" ގައި މިހާރު ލޯބިވެރިޔާ ކަމަށް ބުނާ ރަންވީރު ސިންގް އާއި ޕްރިޔަންކާ ޗޯޕްޅާ އާ އެކު އެވެ.