މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ގާނޫނާ ހިލާފްވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވަނީ 155 ކުއްޖެއްގެ މައްސަލަ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި އަޅާބަލާއިރު، މި 17.6 ޕަސަންޓު ދަށް އަދަދެކެވެ.
ނަމަވެސް، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދު ދަށަސް، ކުށްކުރާން ދިމާވާ ސަބަބުތައް ގިނަކަން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އެގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުށް ތަކުރާރުކޮށްގެން 79 ކުއްޖެއްގެ މައްސަލަ ވަނީ ހުށަހެޅިފަ އެވެ.
މިއަހަރުގެ ފުރަތަމަ ހަމަސްދުވަހަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. އެންމެ ގިނައިން ހުށަހެޅިފައިވަނީ ފިރިހެން ކުދިންގެ މައްސަލަތަކެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 95 ޕަސަންޓެވެ.
އޭގެ އިތުރުން އެ ޔުނިޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ތަފާތު ސަބަބުތަކާހުރެ ސްކޫލުން ވަކިވެފައިވާ 65 ކުއްޖެއްގެ މައްސަލަ ހިމެނެ އެވެ. މީގެއިތުރުން ސްކޫލް ނިންމާފައިވާ 39 ކުއްޖެއްގެ މައްސަލައާއި، ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދިޔަ 29 ކުއްޖެއްގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ވަނީ ހުށަހަޅާފަ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެފަދަ 55 ކުއްޖެއްގެ މައްސަލަ ހުށައެޅިފައިވެ އެވެ. މީގެއިތުރުން ވައްކަމާއި، ފޭރުމާއި، މާރާމާރީގެ މައްސަލަތައްވެސް ހުށަހެޅިފައިވެ އެވެ.
ނަމަވެސް، ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަށް މިނިސްޓްރީން އިތުރަށް ބުންޏެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅިފައިވަނީ އެފަދަ ހަތަރު މައްސަލަ އެވެ. މިދިޔަ އަހަރު ތޫނު ހަތިޔާރު ގެންގުޅުމުގެ 13 މައްސަލައެއް ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވެ އެވެ.