ކުރިއެރުމަށް އޭނާ ނުކުރައްވާ މަސައްކަތެއް ނެތޭ ބުނެވިދާނެ އެވެ. އޭނާ ރޭނި އެވެ. ސިމެންތި ޖެހި އެވެ. ކީހި އެވެ. ބޯޓު ދަތުރުކުރި އެވެ. މި ހުރީ ހައްތަހާވެސް އޭނާ ކުރެއްވި މަސައްކަތް ތަކެވެ. މީގެ ނަތީޖާ ވަރަށް ފޮންޏެވެ. މިހާރު އޭނާއަކީ ރާއްޖޭގެ އެންމެ ބިޔަ އެއް ކުންފުނީގެ ވެރިޔާ އެވެ. އެއީ އަމީން ކޮންސްޓްރްކްޝަންގެ ވެރިޔާ؛ އަބްދުﷲ މުހައްމަދެވެ.
އަބްދުﷲ މުހައްމަދުގެ މަސައްކަތުގެ ވާހަކަ ފެށެނީ ރާއްޖެއާ ދުރަށް ޖެހިލައިގެންނެވެ.
އެންމެ ފުރަތަމަ އުޅުއްވީ ބޯޓު ދަތުރުކުރާށެވެ. އެއީ މިހާރު އުވާލާފައިވާ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝެނަލް ޝިޕިން ލިމިޓެޑު (އެމްއެންއެސްއެލް) ގެ ބޯޓެއްގަ އެވެ. ނަމަވެސް އެ ވަޒީފާގައި ފޯރިއާއެކު އުޅުއްވަން ފެއްޓެވިތާ މާގިނަ ދުވަހެއް ނުވެ ސަރުކާރުން އެ ބޯޓު ވިއްކާލީ އެވެ. އެހާ ހިސާބުން އަބްދުﷲ ގެ ވަޒީފާ ގެއްލުނީ އެވެ.
"ބޯޓުގައި މަސައްކަތް ފެށިތަނާ ސަރުކާރުން ބޯޓު ވިއްކާލީ.ވަރަށް ދެރަވި. އެހާ ހިސާބުން ވަޒީފާ ގެއްލުނީ. އޭގެ ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރުކުރާ ކުޑަ ލަކުޑި ބޯޓެއްގައި ވެސް މަސައްކަތް ކުރިން،" މަސައްކަތް ފެއްޓެވި ގޮތް "އަވަސް" އާ ހިއްސާ ކުރައްވަމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް ތަމްސީލް ކުރައްވާ ޖަމިއްޔާ މަސީގެ މިހާރުގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.
އަބްދުﷲ ބޯޓު ދަތުރު ކުރައްވަމުން ގެންދެވިއިރު ވެސް އަމިއްލަ ވިޔަފާރީގެ ކުރެހުން ސިކުނޑީގައި ގެންގުޅުއްވި އެވެ. މި ކުރެން ހަގީގަތަކަށް ހެދުމަށް ކުދިކުދި މަސައްކަތްތައް ކުރަމުން ދިޔަ އެވެ. މާލޭގެ ގޭގެ ފާހާނާތައް ހެދުމާއި ތަށި މުށި ޖެހުން އަދި ކުދި ދޮރުތައް އަމިއްލަ ފުޅަށް ބަދަލު ކުރެއްވުން ފަދަ މަސައްކަތްތައް ވެސް ކުރި އެވެ. އަދި ފަހުން މި މަސައްކަތް ވެސް ފުޅާ ކުރެއްވި އެވެ.
"އޭރު ރާއްޖޭގައި މަޝްހޫރުކޮށް ތިބެނީ އައިމާ އާއި އެލިޔާ ފަދަ ކުންފުނިތައް. އަޅުގަނޑު އެންމެ ފުރަތަމަ މި މަސައްކަތް ފެށީ ގަލޮޅު ފެހިގޭގައި. އެންމެ ފުރަތަމަ ގެންގުޅުނީ 10 ވަރަކަށް މީހުން،" އަބްދުﷲ ވިދާޅުވި އެވެ.
"ކަންމަތީ ފިހާރަ" ހިންގުމުގައި ވެސް އަބްދުﷲ މުހައްމަދު އުޅުއްވި އެވެ. މީގެ 30 އަކަށް އަހަރު ކުރިން މަޝްހޫރު ވެގެން ދިޔަ "ސިންގަޕޫރު ބާޒާރު" ފިހާރަ ހިންގެވުމުގައި ވެސް އޭނާ އުޅުއްވި އެވެ. ނަމަވެސް މި ކަމުން ވެސް މާބޮޑު ނަފާއެއް ނުފެނުމުން ހުއްޓަވާލެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހިތްވަރު އެލުވައެއް ނުލަ އެވެ.
"އެޒަމާނުގައި އެންމެ ހިނގާ ވިޔަފާރިއަކީ ސިންގަޕޫރު ބާޒާރުގައި ހިންގަމުން ދިޔަ ވިޔަފާރި. ފަހުން އޭގެ ނަތީޖާއެއް ނުފެންނާތީ އޯކިޑްމަގު ހަ ނަމްބަރު ފިހާރަ ނަގައިގެން ދަޅު ކާނާ އާއި ޖޫހާއި ޕާޕަރު ގެނެސް ގެން ހޯލްސޭލްކޮށް ވިއްކީ،" އަބްދުﷲ ވިދާޅުވި އެވެ.
އޭގެ ފަހުން ޒުވާން އަންހެން ކުދިނަށް ބޭނުންވާނެ ބައެއް ބާވަތްތައް ވިއްކުމުގެ ވިޔަފާރި ވެސް އޭނާ ކުރެއްވި އެވެ.
"ސާޅިއާއި ފަޓުލޫނު ފޮއްޗާ އަންހެން ކުދިންގެ ބޮލުގަ ޖަހާ ތަކެތި ވެސް ގެނެސް ވިއްކިން. މިއީ އަސްލު ވިޔަފާރިއަކީ،" އަބްދުﷲ ވިދާޅުވި އެވެ.
އަމީން ކޮންސްޓަރަކްޝަން އުފެދުމުގެ ކުރީގައި އޮތީ އަމީން ކާޕެންޓްރީ އެވެ. މިއީ އަމީން ކޮންސްޓަކްޝަން ކުންފުނި ވުޖޫދަށް އައުމުގެ ބިންގަލެވެ. ބާރެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި އަމީން ކޮންސްޓްރަކްޝަން ވުޖޫދަށް އައީ އިތުބާރު ހުރި ރައްޓެއްސަކާ ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.
"އެންމެ ފުރަތަމަ ގުދަން ހެދުމުން ފަދަ މަސައްކަތް ކުރީ. މި މަސައްކަތުގެ ތެރެއިން ގިނަ މަސައްކަތަކެއް އަންނާތީ ހިތަށް އެރީ ވަޑާން ގެއެއް ހަދަންވިއްޔޭ. އެންމެ ފުރަތަމަ ކީވެސް އަމީން ކާޕެންޓްރީ. ވަޑާން ގެއެއް ހެދީ. އެންމެ ފުރަތަމަ ކުރީ ކީހުމާއި މެށުން ފަދަ މަސައްކަތްތައް،" އަބްދުﷲ ވިދާޅުވި އެވެ.
އަމީން ކޮންސްޓްރަކްޝަން ފައްކާވެ، ބޮޑު ކުންފުންޏަކަށްވުމުގައި އެއް ފަހަރާ ގިނަ މަސައްކަތްތަކެއް އެ ދުވަސްވަރު އަބްދުﷲއަށް ލިބުން ހިމެނެ އެވެ. އެ ދުވަސްވަރަކީ ފަރުކޮޅު ފުށި ރިސޯޓު ތަރައްގީ ކުރަމުން ދިޔަ ދުވަސްވަރެވެ.
"ރިސޯޓްތައް ހަދަމުން ދިޔައިރު ކީހުމާއި މަށުން ފަތި ސަޕްލައި ކުރަން ލިބުނު. އެއިރު ވަރަށް ގިނަ އޯޑަރުތަކެއް ލިބުނު އޭގެ ތެރެއިން މަޑު މަޑުން ގޮސް ކުރިއެރީ،" އަމީން ކޮންސްޓްރަކްޝަން އުފެދުނު ގޮތް އަބްދުﷲ ވިދާޅުވި އެވެ.
މިހާރު އަމީން ކޮންސްޓްރަކްޝަނަކީ އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އެންމެ ބިޔަ އެއް ކުންފުންޏެވެ. އެ ކުންފުނިން ނިންމާފައިވާ ބިޔަ މަސައްކަތްތަކުގެ ތެރޭގައި 15 މިލިއަން ޑޮލަރުން ހެދި ވެލާނާ އޮފީސް އިމާރާތާއި އައްޑޫ އާއި ފުވައްމުލަކުގައި ސާކް ސަމިޓު ބޭއްވުމަށް އައްޑޫގައި އެޅި ފުރިހަމަ ކޮންވެންޝަން ސެންޓަރު ހިމެނެ އެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ގިނަ އިމާރާތްތަކާއި ބޮޑެތި ސްކޫލްތައް އަމީން ކޮންސްޓްރަކްޝަނުން އިމާރާތް ކޮށްފައިވެ އެވެ.
އަބްދުﷲ ވަނީ އިމާރާތް ކުރުމުގައި ބޭނުންކުރާ ފަހުގެ ގިނަ ޓެކްނޮލޮޖީތަކެއް ރާއްޖެއަށް ތައާރަފުކޮށްދެއްވާފަ އެވެ. އެ ފަސޭހަ ގެނެސް ދެއްވާފަ އެވެ. އެފަދަ އެއް އާލާތަކީ މިހާރު އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ކުންފުނިތަކުން ބޭނުންކުރާ ކޮންކްރީޓް ޕަންޕެވެ. މީގެ ސަބަބުން މަގު ބަންދުކޮށްގެން ކޮންކްރީޓް މަސައްކަތް ކުރުން ނިމުމަކަށް އައެވެ. މި މެޝިން ބޭނުންކޮށްގެން ހޮޅިއެއްގެ އެހީގައި ކޮންކްރީޓް ޕަންޕް ކޮށްލަ އެވެ.
"ވެލާނާގެ މަސައްކަތް ލިބުނީމަ އަޅުގަނޑުމެން ގެނައިން ބެޗިން ޕްލާންޓަކާއި ކޮންކްރީޓް ޕަންޕެއް. ބެޗިން ޕްލާންޓަކީ މަގުމަތީގައި ބެހެއްޓޭނެ އެއްޗެއް ނޫން. ކޮންމެ ވެސް ސައިޓެއް ހުރެގެން އެ ބެހެއްޓޭނީ. ވެލާނާގެއަކީ އެންމެ ކާރު ބާރު ބޮޑު ހިސާބު. ކުރިން މަސައްކަތް ކުރާ ގޮތަށް ކުރާނަމަ އެބަޖެހޭ ތިން މަގު ބަންދުކުރަން. ނަމަވެސް މި ޕަންޕުންގެ ބޭނުން ކުރަން ފެށުމުން މަގުތައް ބަންދު ކުރާކަށް ނުޖެހޭ،" މަސީގެ ރައީސްކަން ހަ އަހަރު ކުރައްވާފައިވާ އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި މިހާރުގެ ވިސްނުމަކީ ޓޫރިޒަމުގެ ވިޔަފާރީގެ ތެރެއަށް ނުކުތުމެވެ. އެ މަގުސަދަގައި ލ. އަތޮޅުގައި 28 އެނދުގެ ގެސްޓް ހައުސްއެއް ވެސް މިހާރު ވަނީ ހުޅުވާފަ އެވެ. ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހެދި މި ފުރިހަމަ ގެސްޓް ހައުސްއަށް މި މަހު ޓޫރިސްޓުން އަންނަން ފަށާނެ އެވެ. މީގެ އިތުރުން ކ. ކޮއްދިއްޕަރުގައި މެދު ފަންތީގެ ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރައްވަމުންނެވެ. މޫދު ކޮޓަރިތަކާއެކު 128 އެނދުގެ މި ރިސޯޓު އަންނަ އަހަރުގެ ފަހުކޮޅު ހުޅުވޭ ވަރުވާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.