ހަބަރު

ސަރުކާރާ ވަކި ނުވަން، ބޭނުމީ ޕާޓީ ބޮޑު ކުރަން: ގާސިމް

ޖުމްހޫރީ ޕާޓީ އިން ސަރުކާރާއެކު އޮތް ކޯލިޝަނުން ވަކި ނުވާ ކަމަށާއި ޕީޕީއެމްގެ މެންބަރުން ގުޅިވަޑައިގަތުމަކީ ޕާޓީ ބޮޑު ކުރަން ކުރާ މަސައްކަތް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕީއަށް ޕީޕީއެމް އާއި ޕީއެންސީގެ އިސް މެންބަރުންތަކެއް ގުޅިވަޑައިގަތުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީ އަދިވެސް އޮތީ ސަރުކާރު ކޯލިޝަންގައި ކަމަށާއި އެ ކޯލިޝަނުން ނެރެ ނުލާހާ ހިނދަކު ބޭރެއް ނުވާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަަން ދަމަހައްޓަން ވެސް މަސައްކަަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ޖޭޕީއަށް އަބަދަކު އެއް ގޮތަކަށް ނޯވެވޭނެ ކަމަށާއި މިހާރު ކުރައްވާ މަސައްކަތަކީ ޖޭޕީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މެންބަރުން އިތުރުކޮށް ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށާއި ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކު ހީނުކުރައްވާތި މިއީ އަޅުގަނޑުމެންގެ ޕާޓީ ކޯލިޝަނުން ބޭރުވުމަށްޓަކައި ކުރާ ކަމެއް ކަން، ނޫން އެހެނެއް ނޫން. މިއަދުގެ ސަރުކާރުން ރާއްޖޭގެ ގާނޫނުއަސާސީއާއި އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތައިގެން ކުރިޔަށް ދާނަމަ ސޯލިހާއެކު ކުރިޔަށް ދާނަން،" ގާސިމް ވިދާޅުވި އެވެ. "ޕާޓީ އިން މި ކުރާ މަސައްކަތަކީ ޕާޓީ ބޮޑު ކުރުން. އަދި ދެން އަންނަ އިންތިހާބުތަކަށް ތައްޔާރުވުން،"

ގާސިމް އިތުރަށް ވިދާޅުވީ އެއްވެސް ބޭފުޅަކާ ދޭތެރޭ އެމަނިކުފާނު ހަސަދަވެރިކަމެއް ނުބާއްވާ ކަމަށާއި އެއްވެސް ބޭފުޅަކު ސިޔާސީ ޕޯޑިއަމްއެއްގައި ކޮންމެ ވާހަކައެއް ދެއްކިޔަސް ފަހުން އެ ވާހަކަތައް އެމަނިކުފާނު ހަނދާނުގައި ނުބަހައްޓަވާ ކަމަށެވެ. އެމަނިކުފާނަށް އަމާޒުކޮށް އެއްވެސް ވާހަކައެއް ދައްކާފައިވާ ހުރިހާ ފަރާތްތަކަށް މާފު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އޮޑިއެއް ފެތެން ދަންޏާ އޭގަ ކޮންމެހެން ތިބުމުގެ މާނައެއް ނެތް އަނިޔާ ލިބިގަންނާކަށް. އެކަން ވެގެން ދިޔައީ ފެނިގެން އިނގިގެން މި ފެތެނީކަން ފެތެމުން ދަނީކަން އެނގިގެން އެތަށް ބައިވަރު ބޭފުޅުންނެއް އެ ވާހަކަ ދައްކަމުން ދަނިކޮށް ވެސް އެކަމަކު ހަމަ ހުނގާނުގައި ހުރި ބޭފުޅާ ދަންމާނުން ހަމަ ތަންކޮޅެއް ވެސް ދޫކޮށްލާކަށް ބޭނުމެއް ނުވި. ދިޔަ ގޮތަށް ގޮސް ފަރަސް އަރައިގެން ގޮސް ހަލާކުވި،" ގާސިމް ވިދާޅުވި އެވެ.

މިރޭ ޖޭޕީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއް ކަމަށްވާ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާނު ވެސް ހިމެނިވަޑައިގަންނަވަ އެވެ.