ވިޔަފާރި

އެޓްމޮސްފިއާ ހޮޓެލްސް އިން ރާއްޖޭގައި އިތުރު ދެ ރިސޯޓު ހުޅުވަނީ

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި އިތުރު ދެ ރިސޯޓު ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.

"އޮބްލޫ" ގެ ނަމުގައި ގިނަ ރިސޯޓު ތަކެއް ރާއްޖޭގައި ހިންގާ އެޓްމޮސްފިއާ ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން ރާއްޖޭގައި ހުޅުވާ އާ ދެ ރިސޯޓުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މި ފަހަރު ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުން ގެންދަނީ "އޮބްލޫ އެކްސް" އާއި "އޮބްލޫ" އެވެ. މާލެ އަތޮޅުގައި ހުޅުވާ "އޮބްލޫ އެކްސް" ރިސޯޓުގައި 350 ކޮޓަރި ހުރެ އެވެ. އަދި ބ. އަތޮޅުގައި ހުޅުވާ "އޮބްލޫ" ގައި 220 ކޮޓަރި ހުރެ އެވެ. މި ދެ ރިސޯޓު ވެސް އަންނަ އަހަރު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި ކުންފުނިން މި އަހަރު ވެސް ރިސޯޓެއް ހުޅުވަން ދަނީ ތައްޔާރުވެފަ އެވެ. މާލެ އަތޮޅުގައި ހުޅުވާ "ވަރު ބައި އެޓްމޮސްފިއާ ރިސޯޓް" އޮކްޓޫބަރު މަހު ހުޅުވާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 40 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާ ފަސް ތަރީގެ މި ރިސޯޓުގައި 39 ބީޗް ކޮޓަރި އާއި 69 މޫދު ކޮޓަރި ހިމެނޭ ގޮތަށް ޖުމުލަ 108 ކޮޓަރި ހުރެ އެވެ.

އެޓްމޮސްފިއާ ހޮޓެލްސް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާގައި ވެސް ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެޓްމޮސްފިއާ ހޮޓެލްސް ކުންފުނިން ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަ އެވެ. އެއީ މާލެ އަތޮޅުގައި ހިންގާ "އޮޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ" ގެ އިތުރުން "އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި" ރިސޯޓް އާއި "އޮބްލޫ ސިލެކްޓް އެޓް ސަންގެލި" އެވެ. އަދި ޅ. އަތޮޅުގައި އޮންނަ "އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް" އެވެ. މި ރިސޯޓުވެސް މިހާރު ހިންގަނީ މި ބްރޭންޑުގަ އެވެ.