ހަބަރު

މިއީ އެކައުންޓިން ވަޒީފާތަކާ ދިވެހިން ހަވާލުވާންވީ ވަގުތު: ޒިޔަތު

Aug 27, 2019
1

ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ، އެކައުންޓިން ދާއިރާގެ ވަޒީފާތަކާ ދިވެހިން ހަވާލުވާންވީ ވަގުތު އަތުވެއްޖެ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަލަށް ފެށި "މޯލްޑިވްސް އެކައުންޓެންސީ ފޯރަމް" ގައި މިއަދު ވާހަކަފުޅު ދައްކަވަމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ އެކައުންޓެންޓުންނާއި އޮޑިޓިންގެ ދާއިރާއިން ވަރަށް ގިނަ ދިވެހިން މިހާރު ތައުލީމް ހާސިލްކުރާ ކަމަށެވެ. އަދި އެ ދާއިރާގައި ވަރަށް ގިނަ ޕްރޮފެޝަނަލް ދިވެހިން މަސައްކަތް ކުރަމުން އައި ނަމަވެސް، ދާއިރާ އަދިވެސް މުޅިން އޮތީ ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލާފައި ކަމަށެވެ.

އެކައުންޓިން އާއި އޮޑިޓިން ދާއިރާ ތަރައްގީ ކުރަން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން، ޒިޔަތު ވިދާޅުވީ ދިވެހިންނަށް އޮޑިޓް ލައިސަންސް ދޭން ފަށާފައިވާ ކަމަށާއި އޮޑިޓަރުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމަށް ތަމްރީނުތައް ފޯރުކޮށް ދިނުމާއި ވިޔަފާރިވެރިންނާއި އަދި ގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކައިގެން ދިވެހިންނަށް ފުރުސަތުތައް ފަހި ކުރެވޭނެ ގޮތްތަށް ހޯދަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިހާރު އެންމެ ބޮޑަށް ކުރައްވާ އުންމީދަކީ، ރާއްޖޭގައި ޗާޓަޑް އެކައުންޓިން އޯގަނައިޒޭޝަނެއް އުފެއްދުން ކަމަށެވެ.