ވިޔަފާރި

އޮޑިޓަރުންނަކީ ވިޔަފާރި ރައްކާތެރި ކޮށްދޭ ބައެއް: އާޒިމް

އެކައުންޓެންޓުނާއި އޮޑިޓަރުންނަކީ ވިޔަފާރި ރައްކާތެރި ކޮށްދޭ ބައެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށާއި އެ ބަދަލު ރާއްޖެއިން ބަލައި ގަތުމަށް ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންސް ފޯރަމް (އެމްއޭއެފް) ގައި ވާހަކަފުޅު ދައްކަވަމުން، އާޒިމް ވިދާޅުވީ ރާއްޖެއިން ގަބޫލު ކުރަންވީ އެކައުންޓަންޓުންނާއި އޮޑިޓަރުންނަކީ ހުރިހާ ދާއިރާއަކުން މަސައްކަތްްތައް ބަލާ، ކަމެއް ގޯހުން ދާނަމަ އެކަން ރަނގަޅު ކުރާ ބައެއްގެ ގޮތުގައި ކަމަށާއި އެއީ މިހާރު ރާއްޖެއަށް ގެންނަންޖެހިފައިވާ ބޮޑު ބަދަލެއް ކަމަށެވެ.

"އެކައުންޓެންޓުންނާއި އޮޑިޓަރުންނަކީ ބޮލު ރިހުމަކަށް ވެފައި އޮންނަ އޮތުން ބަދަލުވާން ޖެހޭ. ދިވެހި ރާއްޖެ ގަބޫލު ކުރަންވީ އޮޑިޓަރުންނަކީ ވިޔަފާވެރިންނާއި ވިޔަފާރި ކުރިއަރުވާ ބޭފުޅުން ރައްކާތެރި ކޮށްދޭ ފާރަވެރިޔާ ކަމަށް. އަޅުގަނޑު ދަންނަވާ ހިތް އޮތީ އެ [އޮޑިޓަރުންނާ، އެކައުންޓެންޓުން] ބޭފުޅުންނަކީ ވިޔަފާރިއާ އިގްތިސޯދުގައި ހިމެނޭ އެންމެ ބޯ ހަރުދަނާ ފަށަލަ އޭ،" އާޒިމް ވިދާޅުވި އެވެ.

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ އެމްޑީގެ މަގާމު ވެސް އަދާކުރެއްވި އާޒިމް ވިދާޅުވީ އެ ކުންފުނީގައި އެންމެ ފުރަތަމަ ކުރި މަސައްކަތްތަކީ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް ފުރިހަމަ މިނިވަން ޑިޕާޓްމަންޓަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމަށެވެ.

އެ ބަދަލު ގެނައީ އެއީ އެބޭފުޅުންނަކީ އަޅުގަނޑު ރައްކަލަކަށް ދައުލަތުގެ ރައްކަލަކަށް ތިއްބަވާ ބޭފުޅުންނަށްވާތީ، ފެން ފުންކުންފުންޏަށް ވެސް އަޅުގަނޑު ވާނީ އެ ބަދަލު ގެނެސްފައި. އަޅުގަނޑު އެސްޓީއޯއާ ހަވާލު ވީއިރު ފައިނޭންޝަލް ރިފޯޓްތައް ތައްޔާރު ކުރާނީ ކޮންމެ ތިން މަހުން. ނަމަވެސް ފުރިހަމަ ގަވަނޭސްއެއްގެ ދަށުން ހިންގަން ކޮންމެ މަހެއްގެ 10 ވަނަ ދުވަހު ހުރިހާ ސަބްސިޑައިރީ ކުންފުނިތަކުގެ ރިޕޯޓަތައް ކޮންސޮލިޑޭޓްކޮށް، 15 ވަނަ ދުވަހު ބޯޑަށް ހުށަހަޅަން ފެށީ،" އާޒިމް ވިދާޅުވި އެވެ.