ދުނިޔެ

އިޒްރޭލުގެ ޑްރޯން ހަމަލާއަކީ ހަނގުރާމަ އިއުލާން ކުރުން: ލުބުނާން

އިޒްރޭލުން ލުބުނާނުގެ ބޭރުތަށް ދިން ޑްރޯން ހަމަލާއަކީ ހަނގުރާމަ އިއުލާން ކުރުން ފަދަ ކަމެއް ކަމަށް ލުބުނާނުގެ ރައީސް މިޝޭލް އޫން ވިދާޅުވެއްޖެ އެވެ.

އދ. އިން ލުބުނާނަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ޖޭން ކުބިސްއާ ބައްދަލު ކުރައްވާ އޫން ވިދާޅުވީ، އިޒްރޭލުގެ ހަމަލާތައް އެއްވެސް ވަރަކަށް ބަލައި ނުގަންނަނަ ކަމަށާއި، އިޒްރޭލުގެ އަމަލުތައް ހުންނަ ގޮތުން ލުބުނާނުން އަމިއްލަ ދިފާއުގައި ފިޔަވަޅު އަޅަން މިހާރު ޖެހިފައިވާ ކަމަށެވެ.

އޫންގެ ވާހަކަތަކަށް ލުބުނާނުގެ ބޮޑު ބަޒީރު ސައުދު ހަރީރީ ވެސް ވަނީ ތާއީދު ކުރައްވާފަ އެވެ. އެގޮތުން ސައުދު ހަރީރީ ވިދާޅުވީ، އިޒްރޭލުން ލުބުނާނުގެ މިނިވަން ކަމަށް އަރައިގަތުމުން އެކަން ބައިނަލްއަގްވާމީ މުޖްތަމުން ކުށްވެރިކުރަން ޖެހޭނެ ކަމަށެވެ. އަދި އަމިއްލަ ގައުމުގެ ދިފާއުގައި ހަތިޔާރު އުފުލަން މިހާރު ޖެހިފައިވާ ކަމަށް ވެސް ސައުދު ހަރީރީ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން ވަނީ ލުބުނާނުގެ ދެކުނުގައި އޮންނަ ހިޒުބުﷲ ޖަމާއަތަށް އަމާޒުކޮށް ޑްރޯންގެ ދެ ހަމަލައެއް ފޮނުވާފަ އެވެ. ނަމަވެސް މަންޒިލަށް ވާސިލްވުމުގެ ކުރިން ޑްރޯންތައް ވަނީ ވެއްޓިފަ އެވެ. މި ހަމަލާއާ ގުޅިގެން ހިޒުބުﷲ ޖަމާއަތުން ވަނީ އިޒްރޭލަށް އިންޒާރު ދީފަ އެވެ.

ހިޒުބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވީ، އިޒްރޭލުގެ އުދުވާންތައް ނިމުމަކަށް ގެންނަން ޖެހޭ ވަގުތު މިހާރު މިއޮތީ އައިސްފައި ކަމަށެވެ. އަދި އެ ޖަމާއަތުގެ ހަމަލާއަކުން ރެކެން ތައްޔާރުވެ ތިބުމަށް ވެސް ނަސްރުﷲ ވަނީ އިޒްރޭލަށް ގޮވާލާފަ އެވެ.