ސިއްހަތު

ސަރުބީ ވިރުވަން މި ކަސްރަތު އެހީވެދޭ!

އެކި މީހުންގެ ހަށިގަނޑުގައި ސަރުބީ ޖަހަނީ އެކި ތަންތަނުގަ އެވެ. ކިތަންމެ ކަސްރަތެއް ކުރިޔަސް ހަށިގަނޑުގައި ސަރުބީ ޖަހާތަން ބަދަލެެއް ނުވެއެވެ. ހަށިގަނޑުގެ މަތީބައިގައި ސަރުބީ ޖަހާނަމަ އަބަދުވެސް މިކަން ވާނީ މިހެންނެވެ. މީގެ ސަބަބަކަށް ވަނީ މީހާގެ ގައިގަ ސަރުބީ ޖެހުން ކޮންޓްރޯލް ކުރަނީ އެމީހެއްގެ ހޯމޯންތަކުން ކަމުގައިވާތީ އެވެ.

މީގެ މާނައަކީ ބަރުދަން ލުއިކޮށް ޓޯން ނުކުރެވޭނެއެކޭއެއް ނޫނެވެ. ނަމަވެސް ހަށިގަނޑުގެ ވަކި ބައިތަކެއް ހިއްކާލަން އެހެންތަންތަނަށް ވުރެ އުދަނގޫ ވެދާނެ އެވެ.

އަޕަބޮޑީ ފެޓްގެ ގޮތުގައި ބަލަނީ އަތާއި މޭމަތި އަދި ބުރަކަށީގައި ޖަހާ ސަރުބީއަށެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަށިގަނޑުގެ މަތީބައިގައި ޖަހާ ސަރުބީން ސަލަމާތްވުމަށް ކުރެވޭނެ އެއް ކަމީ ހަރަކާތްތެރިކަން އިތުރު ކުރުމެވެ.

ޕުޝްއަޕް

ޕުޝްއަޕެއް ހެދުމަކީ ވަރަށް ގިނަ ފަހަރަށް ހަދަން އުނދަގޫ ކަސްރަތެއް ގޮތުގައި ފާހަގަކުރާ ކަސްރަތެކެވެ. ނަމަވެސް މިއީ ހަށިގަނޑުގެ ބޮޑު ބަަޔަކަށް މީގެ އަސަރުކުރާ ކަސްރަތެކެވެ. ޓްރައިސަޕާއި، ކޯ، ފައިގެ ފަހަތުގެ މަސްތަކާއި، ބައިސަޕް، ކޮނޑާއި ބުރަކަށީގެ މަސްތަކަށް އަސަރު ކުރެ އެވެ.

މި ކަސްރަތު ކުރުމަށް ބިންމަތީ ބަންޑުން އޮށޯވެލާށެވެ. އަތާއި ފައިގެ އިނގިލިތަކުގެ އެހީގައި ހަށިގަނޑު ހިއްލާލާށެވެ. މި ގޮތަށް ހިއްލާލާއިރު އުޅަނބޮށި އެއްކޮށް ދަމާލާށެވެ. ޕުޝްއަޕް ހަދާއިރު ކޮނޑުގެ ފުޅާމިނަށް އަތް ބަހައްޓަން އަބަދުވެސް ހަނދާން ކުރަންވާނެ އެވެ. އަދި އުޅަނބޮށިން 90 ޑިގްރީ ވާގޮތަށް ލަންބާލައި މޭމަތި ބިންމަތީގައި ޖެހޭގޮތަށް ތިރިވާށެވެ. ތިރިވެފައި ހިނދުކޮޅަކު މަޑުކޮށްލުމަށްފަހު އަލުން މައްޗަށް އަރާށެވެ. މީގެ 10 ރެޕްގެ ދެސެޓު ހަދަންވާނެ އެވެ.

ޑަމްބެލް ފްލައި

ޑަމްބެލް ފްލައި ހެދުމަށް ހެޔޮވަރު ޑަމްބެލްއެއް ނަގާ ބެންޗެއްގައި އޮށޯވެލާށެވެ. ދެއަތުން ޑަމްބެލްގައި ހިފާ މައްޗަށް ދަމާލާށެވެ. މިއީ ފަށާ ޕޮޒިޝަން އެވެ. މިގޮތަށް އޮވެފައި މަޑުމަޑުން އަތް ތިރިކުރާއިރު އަތް ފުޅާވެގެންދާނެ އެވެ. އަދި ކޮނޑުގެ މަސްތަށް ރަނގަޅަށް ފިއްތާލާ އުޅަނބޮށި ބެންޗަށްވުރެ ތިރިއަށް ދިޔަ ނުދޭށެވެ. މަޑުމަޑުން އަތް މައްޗަށް ނަގާ ފެށި ޕޮޒިޝަނަށް ދާށެވެ. މި ދާ ދިއުމުގައި ދެ ޑަމްބަލް ޖެއްސުމުގެ ބަދަކުގައި ހުސްތަންކޮޅެއް ބައިންދާ މޭމަތި ރަނގަޅަށް ފިއްތާލާށެވެ. މީގެ 10 ރެޕު ހަދާށެވެ.

މިލިޓަރީ ޕްރެސް

މިއީ ބާބެލް ގެ އެހީގައި ކޮނޑަށް އަމާޒުކޮށްގެން ހަދާ ކަސްރަތެކެވެ. މި ކަސްރަތު ކުރުމަށް ފަށާއިރު ބޭބެލް ބައިންދާނީ ކޮނޑާއި ހަމައިގަ އެވެ. މި ކަސްރަތުކުރުމަށް މަޑުމަޑުން ބާބެލް އާއެކު އަތް ސީދާކޮށް މައްޗަށް ދަމާލާނީ އެވެ.

ޓްރައިސެޕް ޑިޕްސް

މި ކަސްރަތުގެ އަސަރު ޓްރައިސަޕް، ބައިސަޕް، ކޮނޑު، ބުރަކަށި، ގްލޫޓްސް އަދި ހޭމްސްޓްރިންގަށް ވެސް ކުރެއެވެ. މިއީ ގޭގައި ކުރުމަށް ފަސޭހަ ކަސްރަތަކަށްވާއިރު ނަތީޖާ ސަޅި ކަސްރަތެކެވެ. މި ކަސްރަތު ކުރުމަށް ބެންޗެއްގެ ކުރިމަތީ ހުއްޓުމަށްފަހު، ބިމާއި ހަމައަށް މަޑުމަޑުން ތިރިވާނީ އެވެ. މިގޮތަށް ތިރިވާއިރު އަތުން ރަނގަޅަށް ބާރަށް ބެންޗުގައި ހިފަހައްޓަންވާނެ އެވެ. އަދި ބެންޗުގައި ހިފާއިރު އިނގިލިތައް ހުންނަނީ ކުރިއަށެވެ. އަދި ފައި ހުންނަންވާނީ ކަކުލުން ސީދާކޮށްފައި ދަމާލާފަ އެވެ. މިގޮތަށް ހުރެ ތިރިވާއިރު އުޅަނބޮށިން 90 ޑިގްރީގެ އެންގަލެއް ހެދޭނެ އެވެ. އަލުން ފަށާތަނަށް ތެދުވެލާށެވެ.

މިއީ އަޕަބޮޑީ ހިއްކާލުމަށް ކުރަން ރަނގަޅު ކަސްރަތުތަކެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަށިގަނޑުގެ ސަރުބީ ވިރުވާލަމަށް ވަކި ތަނަކަށް އަމާޒުކޮށްގެން ކަސްރަތު ކުރުމަށްވުރެ ވެސް ރަނގަޅު ގޮތަކީ ނުވަތަ ސިއްހީ ފައިދާ ބޮޑު ގޮތަކީ މުޅި މީހާގެ ފިޓްނަސް އަށް ބަލައިގެން ކަސްރަތުކުރުން ކަމުގަ އެވެ