ހަބަރު

ޓީޗަރުންގެ ކޮންފަރެންސްގެ ޖާގަ ފުރިއްޖެ

އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީއާ ގުޅިގެން ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެންއައިއީ) ބާއްވާ ޓީިޗަރުންގެ ކޮންފަރެންސްގެ ޖާގަތައް ފުރިއްޖެ ކަމަށް އެންއައިއީން ބުނެފި އެވެ.

ފަސް ވަނަ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ކޮންފަރެންސްގެ ކޯޑިނޭޓާ ޝުހުދާ ރިޒްވާން ވިދާޅުވީ، މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިކުރަން ނިންމާފައި ވަނީ 250 ފަރާތެއް ކަމަށާއި ރެޖިސްޓްރޭޝަންގެ ޖާގަތައް ފުރިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުރީގެ ކޮންފަރެންސްތަކާ ހިލާފަށް މި އަހަރުގެ ކޮންފަރެންސްއަށް ވަރަށް ބޮޑު ތަރުހީބެއް ޓީޗަރުންގެ ފަރާތުންނާއި އިންޓަނޭޝަނަލް ބައިވެރިންގެ ފަރާތުން ލިބުނު ކަމަށެވެ. އެގޮތުން ރެޖިސްޓްރޭޝަނަށް ހުޅުވާލުމާއެކު ރެޖިސްޓްރޭޝަން މުއްދަތު ހަމަވުމުގެ ތިން ހަފުތާ ކުރިން ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ ބޭފުޅުން ކޮންފަރެންސަށް ރެޖިސްޓާކޮށްފައިވާތީ ރެޖިސްޓްރޭޝަން ހުއްޓާލަން ޖެހުނު ކަމަށެވެ.

ކޮންފަރެންސްގައި ހުށަހެޅުމަށް ތައުލީމީ ދާއިރާ އާ ގުޅުންހުރި ދާއިރާތަކުން 100 ޕޭޕަރު ލިބުނު ކަމަށާއި އެ ޕޭޕަރުތައް ރިވިއު ކުރުމަށްފަހު 98 ޕޭޕަރު ޓީޗަރުންގެ ކޮންފަރެންސްގައި ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް އެންއައިއީ އިން ބުންޏެވެ.

އަންނަ މަހުގެ ހަތަރެއް، އަދި ފަސް ވަނަ ދުވަހު އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގައި ބާއްވާ މި ކޮންފަރެންސްގައި، ރާއްޖޭގެ ޓީޗަރުންނަނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ އިތުރުން ތައުލީމީ ދާއިރާގެ މަސައްކަތް ކުރައްވާ ރާއްޖެއިން ބޭރުގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މި ކޮންފަރެންސްގައި ސަރުކާރު ސްކޫލްތަކުގެ ދިވެހި ޓީޗަރުން ބައިވެރިވަނީ ފީ އެއް ނުދައްކަ އެވެ. އެނޫން ފަރާތްތައް ކޮންފަރެންސްގައި ބައިވެރިވާނީ 150 އެމެރިކާގެ ޑޮލަރު ދައްކަައިގެނެވެ.