ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރަސްމީ ދަތުރުފުޅެއްގައި އަންނަ މަހު ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރަނިލް ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހަގެ އިތުރުން ހަތަރު ކެބިނެޓް މިނިސްޓަރުން ހިމެނޭ އިސް ވަފުދެއް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރަނިލްގެ އެ ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު ރައީސް ސޯލިހާއެކު މަޝްވަރާކުރައްވާނެކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ އިތުރުން، އަންނަ މަހުގެ ތިނަކުން ހަތަރަކަށް ޕެރެޑައިސް އައިލަންޑް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ކޮންފަރަންސްގެ މުގައްރަރުގެ ހައިސިއްޔަތުން ރަނިލް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ކޮންފަރަންސަކީ އިންޑިއާ ފައުންޑޭޝަނުން އިންތިޒާމްކޮށް ދިވެހި ސަރުކާރުގެ އިތުރުން ސިންގަޕޫރުގެ އެސް. ރަޖާރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީސް އާގުޅިގެން ބާއްވާ ކޮންފަރަންސެކެވެ.
އަންނަ މަހު ރަނިލް ރާއްޖެ ވަޑައިގަންނަވާއިރު، ރައީސް ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.