ސިއްހަތު

ރާއްޖޭގެ ސިއްހީ ދާއިރާއަށް 41 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން ދީފި

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ބޭނުންވާ 41 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން މިތަކެތި ހަވާލުކޮށްދެއްދީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. އަދި ރާއްޖޭގެ ފަރާތުން ޖަޕާނުން ދިން ތަކެއްޗާ ހަވާލުވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނު ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވީ، ރާއްޖެއިން ސިއްހީ ނިޒާމުގައި ދުނިޔޭގެ ފެންވަރުގެ ކާމިޔާބީ ހޯދާފައިވާ ކަމަށެވެ. އަދި މިއަދު ހަދިޔާކުރި ތަކެއްޗަކީ ހަމައެކަނި މާލޭ އާއި އަތޮޅު ތަކުގެ ހޮސްޕިޓަލުތަކުގައި ބޭނުންކުރަން ދިން ތަކެތި ކަމަށެވެ.

އެގޮތުން އަތޮޅުތަކަށް ހާއްސަ ކޮށްގެން ޖަޕާނުން ވަނީ 24 އެމްބިއުލާންސް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން އޮޕަރޭޝަން ކުރުމަށް ބޭނުންވާ މެޝިނަރީތަށް ވެސް ވަނީ ހަދިޔާކޮށްފަ އެވެ، ކެއިކޯ ޔަނާއި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ، މިނިސްޓަރު އަމީން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ވަރަށް ކާމިޔާބު ލަޑުދަޑިތަކެއް ގެންގުޅުއްވާ ކަމަށާއި، އުއްމީދު ކުރައްވަނީ އެ ލަޑުދަޑިތަށް ހާސިލް ކުރުމަށް ޖަޕާނުން ސަރުކާރުން ދިން ތަކެތީގެ ބޭނުން ވެސް ކުރައްވާނެ ކަމަށެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ވަޑައިގަތް މިނިސްޓަރު އަމީން ވިދާޅުވީ، މާލޭ ސަރަހައްދުގައި ބޭނުންކުރާ ގިނަ އެމްބިއުލާންސު ތަކަކީ ޖަޕާނު ސަރުކާރު ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތި ކަމަށެވެ. ޖަޕާނުން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ދެމުންގެންދާ އެއްބާރުލުމަށް އަމީން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި ޖަޕާނުން ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ދީފައިވާ ތަކެތީގެ ފައިދާ ރައްޔިތުންނަށް ކުރަމުންދާ ކަމަށް ވެސް އަމީން ވަނީ ވާހަކަފުޅުގައި ވިދާޅުވެފަ އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމުގެ ގޮތުން ޖަޕާނުން ވަނީ 2011 ވަނަ އަހަރު ނުވަ މިލިއަން ރުފިޔާގެ ތަކެތީގެ ހަދިޔާކޮށްފަ އެވެ. އަދި 2012 ވަނަ އަހަރު 8 މިލިއަން ރުފިޔާގެ ތަކެތީގެ ހަދިޔާކޮށްފައިވާއިރު 2017 ވަނަ އަހަރު ވަނީ 14 މިލިއަން ރުފިޔާގެ ތެކެތީގެ ހަދިޔާކޮށްފަ އެވެ. އަދި މިއަހަރު ވަނީ 41 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފަ އެވެ.

ސްޓެލްކޯގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި، އައިޖީއެމްޗުގެ އިސް ބޭފުޅުންގެ އިތުރުން ރާއްޖެ އަދި ޖަޕާންގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ރާއްޖޭގައި ހުންނަ ޖަޕާނައި އިންޑިއާ އެމްބަސީގައި މަސައްކަތް ކުރާ ޑިޕްލޮމޭޓުން ވެސް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.