މިނިސްޓްރީ އޮފް ހެލްތު

ހުރިހާ ރަށަކަށް އެމްބިއުލެންސްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފި

ފަންސަވީސް ރަށަކަށް އެމްބިއުލެންސް ހަވާލުކޮށް، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލެންސްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ނެޝަނަލް އެމްބިއުލާންސް ސާވިސް ގާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިހާރު އެމްބިއުލާސްގެ ޚިދުމަތް ލިބެން ނެތް 25 ރަށަކަށް ވަނީ އެމްބިއުލާސް ހަވާލުކޮށްފައެވެ.

މިއަދު ހަވާލުކުރި އެމްބިއުލާންސްތަކުގެ ތެރެއިން 21 އެމްބިއުލެންސްއަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލެންސްތަކެކެވެ.

ޖުމްހޫރީ މައިދާނުގައި އޮތް މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން ހަދިޔާކުރި 21 އެމްބިއުލާންސް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެމްބިއުލެންސްތަކާ ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާއެކު ރާއްޖޭގެ ހުރިހާ ރަށަކުން އެމްބިއުލާންސް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައީ ކަމަށެވެ.

ކޮންމެ ރަށަކަށް އެމްބިއުލަންސްއެއް ފޮނުވާފައި އެހިސާބުން އެކަން ހުއްޓާ ނުލައްވާނެ ކަމަށާ ސަރުކާރުގެ އަމާޒަކީ، އެއްގަމާ ކަނޑާއި ވައިގެ އެމްބިއުލަންސް ހިމެނޭގޮތަށް، އިތުބާރު ކުރެވޭ ފަހި އަދި ހަލުއި ޚިދުމަތެއްގެ ގޮތުގައި ނެޝަނަލް އެމްބިއުލާންސް ސާވިސް ގާއިމުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ނޭޝަނަލް އެމްބިއުލާންސް ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ސިއްހީ ކުއްލި ހާލަތެއް އަދި ކާރިސާއެއް ދިމާވާ ހިނދު، ފަސޭހަކަމާއި ހަލުއި ކަމާއިއެކު ފެންވަރު ރަނގަޅު އަވަސްފަރުވާ ލިބުމާއިއެކު، ސިއްހީ ޚިދުމަތްދޭ މަރުކަޒަކާ ހަމައަށް ލަހެއްނުވެ ބަލިމީހާ ގެންދިއުން." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެމްބިއުލާސްގެ ޚިދުމަތް ލިބެން ނެތް 25 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ދާއިރާގެ މެންބަރު ވަނީ އެމްބިއުލާންސް ހަވާލުވެފައެވެ.