ޖުޑިޝަރީ އިސްލާހު ކުރުމުގެ އެންމެ މުހިއްމު މަސައްކަތް ކުރި ފަރާތަކީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމުގެ މައްސަލައަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި ޖުޑިޝަރީގެ ކަންކަން ގޯސްކޮށް އޮންނަތާ ކިތަންމެ ޒަމާނެއް ވެއްޖެ ކަމަށެވެ.
ޝަރީފު ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތް އެންމެ ވަރުގަދައަށް ކުރެއްވި ބޭފުޅަކީ ރައީސް ޔާމީން ކަމަށާއި ޖުޑިޝަރީ އިސްލާހު ކުރުމަށް އެންމެ މުހިއްމު ފިޔަވަޅުތައް އަޅުއްވަން ފެއްޓެވީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ،
"އަޅުގަނޑު މިހެން ދަންނަވާލަން މި ޖެހެނީ ޖުޑިޝަރީގައި ހިނގާދިޔަ ތަފާތު ކަންތައްތައްތަކާ އެކުގައި ސުޕްރީމް ކޯޓަށް އެންމެ ރަނގަޅު ބަދަލެއް ގެނައުމަށްޓަކައި އެންމެ ސާބިތު ކަމާއެކު ފިޔަވަޅު އެޅުއްވި ބޭފުޅަކީ ރައީސް ޔާމީން ކަމަށް ގަބޫލު ކުރެވޭތީ." އާދަމް ޝަރީފު ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން ވެސް ޖުޑިޝަރީއާއި ޝަރީއަތްތަކުގައި މައްސަލަތައް އެބަ ހުރި ކަމަށެވެ. އެ ގޮތުން ބައެއް މައްސަލަތަކުގެ ޝަރީއަތް ކެންސަލްވާއިރު، ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް "ފަޓާސްބަރިއެއް" ހެން ކުރިއަށްދާ ކަމަށެވެ.
"ތަފާތު ކުރުމެއްނެތި ޝަރީއަތްތައް އެބަ ހިންގަން ޖެހޭ. އަޅުގަނޑުމެންނަށް ފެންނަން އެބަހުރި އެތައް މައްސަލަތަކެއް ހުށަހެޅި އިރުވެސް ބޮޑެތި މީހުންނަށް ބޮޑެތި ގޮތް، އަދި ކުޑަކުދިންނަށް ކުޑަގޮތް. ބައެއް މީހުންގެ ޝަރީއަތް ހިންގަނީ ފަޓާސްބަރިއެއްހެން، މިހާރު ރައީސް ޔާމިންގެ ޝަރީއަތް ހިނގަނީ އެހެން،" \ޝަރީފު ވިދާޅުވި އެވެ.