ރިޕޯޓް

ދައުވަތެއް ނުދެއްވި! އެކަމަކު ހިތްހަމަ ޖެހިއްޖެ!

Aug 2, 2015
4

އޮގަރު އިބްރާހިމް ވަހީދު ސިފަކޮށްދިނުމަކީ ދެ ތިން ޖުމްލައަކުން ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެތައް އެތައް ގޮތަކުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތަކަށް ނުވަތަ ގައުމުގެ ގަދަރުވެރި ދަރިއަކަށް އޮގަރު ވަހީދު ވެވަޑައިގަންނަވާތީ އެވެ.

ކިޔަވައި ދިނުން، ލިޔުންތެރިކަން، ޅެންވެރިކަން، މިއުޒިކް، ޓީވީ... މިހެން ކިޔާފައި ގޮސް އޮގަރު ވަހީދުގެ އަގުހުރި ހިދުމަތުގެ ދާއިރާތަކުގެ ލިސްޓަށް އިތުރު ނުކުރެވެންވީ ހަމަ އެންމެ ދާއިރާއެއް ވެސް ހަގީގަތުގައި ނެތެވެ. އެކަން ކަމުގައި އޭނާ ކުރެއްވި ހިދުމަތްތަކަކީ އޭނާ ވެސް އެހެން މީހުން ވެސް އުފާ ކުރާ ކަންކަމެވެ.

އެހެން ނަމަވެސް ނިމިގެން އެ ދިޔަ މިނިވަން50 ގެ ކުލަގަދަ ރަސްމިއްޔާތުތަކުގެ ދައުވަތެއް ލިބިވަޑައިނުގަތުމުން އޮގަރު ވަހީދުގެ ލޮލުން ކަރުނަ ހިލި، ޖަޒުބާތުގައި ޖެހިވަޑައިގެން ސޯޝަލް މީޑިއާ އަށް އެ ބޭފުޅާގެ ހިތުގެ އުދާހާއި ޝަކުވާތައް ބަންޑުންކުރައްވައިފި އެވެ.

އަނެއްކޮޅުން އޮގަރު ވަހީދުގެ މި ޝަކުވާ އަކީ ނުލިޔެ ދޫކޮށްލާ ވަރުގެ ވާހަކައެއް ވެސް ނޫނެވެ. އެހައި ވެސް އަސަރުގަދަވީމަ އެވެ.

"މިނިވަން50 ގެ އެއްވެސް ކަމަކަށް އެއްވެސް ބާވަތެއްގެ ދައުވަތެއް ނުލިބުނީތީ، މިއަދު އެއްވެސް މީހަކަށް ނުވީތާއޭ ހިތަށް އެރި"

އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އޮގަރު ވަހީދު ލިޔުއްވާފައިވަނީ މިހެންނެވެ. އެހެންވީމަ ހަމަ ރަނގަޅަށް ވެސް ނިކަން ގަދަ އަށް އެ ހުންނެވީ ހިތުގައި ޖެހިވަޑައިގެންފަ އެވެ.

މިނިވަން 50ގެ ދައުވަތެއް ނުލިބުމުން އޮގަރު ވަހީދަށް ވިސްނިވަޑައިގަތީ އެ ބޭފުޅާ "އެއްވެސް މީހަކަށް" ނުވި ކަމަށެވެ. ގައުމަށް ކުރެއްވި ހިދުމަތުގެ އަގު އެއްވެސް ބަޔަކު ބަލައިނުގަތްކަމުގެ އިހްސާސްކުރެވި ދެ ލޯ ފެންކަޅިވީ އެވެ. 

މި ގައުމީ ޖަޒުބާތެއްގައި ޖެހިވަޑައިގެން އަދިވެސް އޮގަރު ވަހީދު ލިޔުއްވާފައިވެ އެވެ.

"އެކަށީގެންވާ ހިދުމަތެއް ވެސް ނުކުރެވުނީތާއޭ ހިތަށް އެރި،" މިހެންނެވެ.

ނަމަވެސް އޮގަރުގެ މި ސްޓެޓަސްއެއްގައި ދެން މި އަންނަ ބަޔަކީ މިނިވަން 50ގެ ދައުވަތު ނުލިބުނަސް ހަގީގަތުގައި މައްސަލައެއް ނެތްކަން އެ ބޭފުޅާ އަށް ވެސް އިހްސާސްވެގެންދާ ހިސާބެވެ. ޓީވީ އިން ދެއްކި މަންޒަރު އަނެއްކާވެސް އޮގަރު ވަހީދަށް ރޮވުނީ އެވެ.

މިފަހަރު އުފަލުންނެވެ.

"މިރޭގެ ހެވިކަމުގެ ކުޅިވަރު ބަލައިލާފަ ހިތްހަމަޖެހިއްޖެ. ސަބަބަކީ؟ މިރޭގެ ޕްރޮގްރާމް ފެށުނުއިރު ފުރަތަމަ އިވުނު އަޑުތައް"

އޮގަރު ވަހީދުގެ ހިތަށް ފިނިކަމެއް ގެނެސްދިން އަޑުތަކަކީ ކޮބައިތޯ އެވެ؟

"އެމްއެންޑީއެފްގެ ޕެރޭޑް ކޮމާންޑަރު، ޕްރޮގްރާމް ހުށަހަޅާ ހީނާ (ވަލީދު) އާއި އަފްރާހް. ފުރަތަމަ ލަވަ ގެނެސްދިން އާތިފް. ހައްތަހާ ވެސް އަޅުގަނޑުގެ ދަރިވަރުން ދެން ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެނިގެން ދަނީ،" އޮގަރު ލިޔުއްވާފައިވެ އެވެ.

"ހަނދާނަށް އަންނަނީ، ކިޔަވައިދިނުން، ލިޔުންތެރިކަން، ޅެންވެރިކަން، މިއުޒިކް، ޓީވީ... ކިތަންމެ ދާއިރާޔަކުން ހިދުމަތް ކުރެވުނުކަން. ވަރަށް ހިތްހަމަޖެހިއްޖެ"

"ޝުކުރިއްޔާ ދަރީން. ޝުކުރިއްޔާ ދިވެހި ގައުމު. މަރުހަބާ މިނިވަން 50."

އޮގަރު ވަހީދުގެ މި އަސަރުގަދަ ސްޓެޓަސް ނިންމަވާލެއްވީ މިފަދައިންނެވެ.

މި ސްޓެޓަސްއިން ފާހަގަވެގެން ދަނީ އޮގަރު ވަހީދުގެ ކޮން ސިފައެއް ހެއްޔެވެ؟ މިއީ ހަމައެކަނި އެ ބޭފުޅާގެ އަގުހުރި ހިދުމަތުގެ ދިގު ލިސްޓެއް ހެއްޔެވެ؟