ހަބަރު

7 ފެބްރުއަރީގެ ވާހަކަ ދައްކާނަމަ މަސްލަހަތު ގެއްލޭނެ: އިމްރާން

Aug 29, 2019
5

ފެބްރުއަރީ 7، 2012 ގައި ހިނގި ހަމަނުޖެހުމުގެ ވާހަކަ އަލުން ދައްކަން ފަށައިފި ނަމަ ހަމަނުޖެހުން އުފެދި މަސްލަހަތު ގެއްލޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު ތާވަލުކޮށްފައި ވަނީ ހަތެއް ފެބްރުއަރީ ހަތަކާއި އެއަށް ފަހު ހިނގައި ދިޔަ ކަންކަން ތަކުރާރު ނުވުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން އިމްރާންއާ ސުވާލު ކުރުމެވެ. އިމްރާންއަކީ ހަތެއް ފެބްރުއަރީ ހާދިސާ ހިނގި އިރު އޭރު އޮތް ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސްކޮށް ހުންނެވި ބޭފުޅެކެވެ.

އެކަމާ ގުޅޭ ގޮތުން މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ހަތެއް ފެބްރުއަރީގެ ވާހަކަ މިއަދު ދައްކާނަމަ ގައުމު އިތުރަށް ހަލަބޮލިވެ، ހަމަ ނުޖެހުމާއި މަސްލަހަތު ގެއްލުން ފިޔަވާ އިތުރު ކަމެއް ނުވާނެ ކަމަށެވެ. އެ ދުވަހު އެކި ގޮތްގޮތަށް ތިބި އެކި މެންބަރުން މަޖިލީހުގައި ވެސް އެބަތިބި ކަމަށާއި މިއަދު އެ ބޭފުޅުންގެ މެދުގައި އުފެދިަފއިވާ އެކުވެރިކަމާއި މަސްލަހަތު ގެއްލިގެން ނުދާނެ ފަދަ ގޮތަކަށް ގައުމުގެ ކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ގައުމު ވަނީ އެކުވެރި ކުރަން ޖެހިފައި އެއްބައިވަންތަ ކުރަން ޖެހިފައި. އެ ދުވަހަށް އެނބުރި ގޮސް އެ ދުވަހުގެ ފަސްތައް ނަގާކޮނެ ހަދައިގެން އަޅުގަނޑުމެންގެ ގައުމަށް ގެއްލުން ލިބިދާނެ ފަދަގޮތަށް ކަންކަން ބައްޓަންވެގެން ދިޔުމަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ބޭނުންވާނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.

ފެބްރުއަރީ ހަތެއްގައި ފުލުހުންގެ ވިސްނުން ބަދަލު ކުރުވަން ސިޔާސީ އެއްވެސް ބަޔަކު މަސައްކަތް ކުރެއްވިތޯ މެންބަރަކު ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ފުލުހުންގެ ވިސްނުމަށް ބަދަލެއް އައި ގޮތެއް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ފުލުހުންގެ ވެރިންނަށް އެ ދުވަހު ހުރީ ކޮން ބޭފުޅުންތަކެއް ކަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި ކޯނީ ރިޕޯޓުގެ ސަފުހާއެއް އުނިކޮށްފައިވާ ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެ ސުވާލަށް ޖަަވާބު ނުދެއްވުން ރައީސް ނަޝީދު ވިދާޅުވީ ސުވާލުތަކަށް ޖަވާބު ހޯދުމަށް މިނިސްޓަރަށް 14 ދުވަހުގެ ނޯޓިސްއެއް ދީފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ އެފަދަ ދުވަހެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މި ސަރުކާރުން އެކުލަވާލި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ބައެއްކަންކަން ހިމަނާފައިވާ ކަމަށެވެ. އެގޮތުން ފުލުހުންނަށް އިތުރު ތަމްރީންތައް ދީ އޯޑަރަށް ކިޔަމަން ވުމާއި ރެޑިކަލް ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ބޭރު ފަރާތްތަކުގެ އެހީގައި ތަމްރީންތައް ވެސް ބާއްވާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.