ޗައިނާ

ޗައިނާއިން ހޮންގްކޮންގަށް 10،000 ސިފައިން ފޮނުވައިފި

ޗައިނާއިން އެ ގައުމުގެ ގާނޫނީ ބާރު ހިނގަންޖެހޭ ކަމަށް ބުނަމުންދާ ހޮންގްކޮންގަށް 10،000 ސިފައިން ފޮނުވައިފި އެވެ. އެހެން ނަމަވެސް ސިފައިން ފޮނުވާފައިވަނީ ރޫޓިން ތަމްރީނުތަކަށް ކަމަށް ޗައިނާގެ ޕީޕަލް ލިބަރޭޝަން އާމީއިން ވަނީ ބުނެފަ އެވެ.

ރޫޓިން ތަމްރީނުތަކަށް ސިފައިން ފޮނުވި ކަމަށް ޗައިނާއިން ބުނި ނަމަވެސް ހުޅަނގުގެ ގައުމުތަކުން ބުނަމުން ދަނީ، ޗައިނާއިން ކުއްލި ގޮތަކަށް ހޮންކޮންގަށް ސިފައިން ފޮނުވަން ނިންމީ، އެކްސްޓްރެޑިޝަން ބިލާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުނަށް ބިރު ދައްކާށެވެ. އަދި މިއީ އަތްގަދަ ކުރަން ކުރާ ކަމެއް ކަމަށްވެސް ހުޅަނގު ގައުމުތަކުގެ ޑިޕްލޮމޭޓުން ވިދާޅުވެ އެވެ.

ޗައިނާއިން ވަނީ މީގެ ކުރިން އެކްސްޓްރެޑިޝަން ބިލާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަށް ހުއްޓާ ނުލައިފިނަމަ، ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފަ އެވެ. މީގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ ޗައިނާގެ ބޯޑަރު ކައިރީގައިވެސް މުޒާހަރާކޮށްފަ އެވެ.

ހޮންކޮންގެ ރައްޔިތުން ދެކޮޅު ހަދަމުންދާ އެކްސްޓެރެޑިޝަން ބިލްގައިވާ ގޮތުން ޗައިނާ ސަރުކާރުން އެދިއްޖެ ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ. މި ބިލްގައި އިނގިރޭސިވިލާތައި އެމެރިކާގެ އިތުރުން 20 ގައުމެއް ހިމެނެ އެވެ.

ކުރިން އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތް ހޮންގްކޮންގައި މިހާރު އަމިއްލަ ދައުލަތެއް އޮންނަ ނަމަވެސް އަސްކަރީ ކަންކަމުގައި ހަރަކާތްތެރިވަނީ ޗައިނާ އެވެ. ޗައިނާގެ ނުފޫޒުގެ ސަބަބުން އެ ގައުމަށް ބޭރުގެ އެހީތައް ނުލިބޭ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. އަދި ބިލް ފާސްވެއްޖެނަމަ ޗައިނާއިން ހޮންގްކޮންގުގެ ދާހިލާ ހުރިހާ ކަމަކަށް ބެހޭނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.