ރިޕޯޓް

އަބަދުވެސް ބްރުނީ މީހުން އެއް ގަލަކަށް އަރުވާ ރާގޮނޑި ސީޒަން!

"އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ ދާއިމީ ގޮތެއްގައި މާތް ރަސްކަލާނގެ މި ރަށުގެ ރައްޔިތުންނަށް ދެއްވާފައިވާ ނިއުމަތެކޭ. ރާގޮނޑި މިގޮތަށް ލައިގަތުމަކީ މި ރަށުގައި އަޅުގަނޑުމެންގެ ކާބަފައިއިންގެ ޒަމާނުން ފެށިގެން އޮންނަ ކަމެއް. ކާބަފައިންގެ ކާބަފައިން ވެސް ބުނަނީ އެމީހުންގެ މާ ކުރިން ވެސް ރަށުގައި އޮންނަ ކަމެއް ކަމަށް މިއީ."

ތ. ބްރުނީގެ ގޮނޑު ދޮށަށް މި ދުވަސްކޮޅު އަދި ކޮންމެ އަހަރެއްގެ މި ހިސާބުގައި ތިލަކޮށްލާ ރާގޮނޑީގެ މަސްއައިނުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލް މެމްބަރު ހަސަން ޒަރީރު ވިދާޅުވީ މިހެންވެ.

އޭނާ އެ ދެންނެވީ ތެދެކެވެ. މިއީ ބްރޫނީ ރައްޔިތުންނަށް ދެއްވާފައިވާ ނިކަން މަތިވެރި ނިއުމަތެކެވެ. ފާހަގަކޮށްލަން ޖެހެނީ ތ. އަތޮޅުގެ މީހުން އުޅޭ އެހެން އެއްވެސް ރަށަކަށް މިގޮތަށް ރާގޮނޑި އަދި އެހެން ވައްތަރެއްގެ މަހެއް ވެސް ތިލަވެ ފާގަތިނުވާ ކަމަށެވެ.

ބްރުނީ އަކީ މަސްވެރި ރަށެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ހިބަރު މަސްވެރިކަމުގެ ފޯރިއެއް ބައެއްގެ މެދުގައި އޮތް ނަމަވެސް ރަށުގެ އާބާދީގެ އާމްދަނީ ގުޅިފައި ވަނީ ތަފާތު އެކި މަސައްކަތްތަކާ އެވެ. ނަމަވެސް ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމުގައި އެ ރަށަށް އަންނަ "ރާގޮނޑި ސީޒަން" ވެގެން ދަނީ އެއް ގޮތަށް ވުރެ ގޮތްގޮތުން މި ރަށުގެ މީހުންގެ ދިރިއުޅުން ބަދަލުކޮށްލާ ނިކަން ބޮޑު އީދަކަށެވެ.

މިދިޔަ އަހަރު އެ ރަށުގެ ފަޅު ތެރެއަށް ތިލަވި ރާގޮނޑިތައް ހިފައި ކައްކައި ހިއްކައި މާލެ ވިއްކައިގެން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ރަށުގެ މީހުން އާމްދަނީގެ ގޮތުގައި ނެގި އެވެ.

"މިފަހަރުގެ ސީޒަން އަދި މި އުޅެނީ ރަނގަޅަށް ނުފެށިގެން. ރޯދަ މަހުގެ ކުރިން ފެށިގެން މިހާތަނަށް 6000 އަށް ވުރެ ގިނަ ރާގޮނޑި ވާނީ ހިފިފައި،" ޒަރީރު ވިދާޅުވި އެވެ.

"އިއްޔެ އިރުއޮއްސުނު ވަގުތު ވެސް ބޮޑު ރާގޮނޑި އައިނެއް އޮތް ގޮނޑުދޮށުގައި. އެކަމަކު އަނދިރިވުމުން ހިފޭގޮތެއް ނުވި."

ބްރުނީގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ ގާތްގަނޑަކަށް 325 އެވެ. ރާގޮނޑި ތިޔާގިވެ އޭގެ މަސްކާން ލިބޭ މޫސުމެއްގައި ނަމަ މި ކުޑަ އާބާދީ އޮންނަނީ އުފަލުން ފޮޅިފަ އެވެ. ރާގޮނޑި ސީޒަނާ އެކު މުޅި ރަށް ވެސް އެކަތިގަނޑަކަށް ހަދާލަނީ އެވެ.

"ރާގޮނޑި މޫސުމް ލައިގަތީމަ ރަށުގައި ނޫޅޭނެ މިކަމުގައި ބައިވެރިނުވާ އެކަކު ވެސް. ކައުންސިލުގެ ރައީސުން ވެސް ބައިވެރިވާނެ،" ޒަރީރު ވިދާޅުވި އެވެ.

"މި ރަށުގެ ކައުންސިލަކީ ވެސް ސިޔާސީ ފިކުރުގައި ބައިބައިވެފައި އޮންނަ ތަނެއް. އެކަމަކު ރާގޮނޑީ މޫސުމުގައި އެ ވާދަވެރިކަމެއް އަދި ބައިބައިވުމެއް ވެސް ނޯވޭ. ރަށުގެ މީހުން ވެސް ރާގޮނޑި ހިފަން ނުކުންނަނީ ސިޔާސީ އެ ހުރިހާ ފިކުރެއް ދޫކޮށް އެކަތިގަނޑަކަށް ވެލައިގެން."

"އިންތިހާބުގެ ސީޒަން އަތުވެއްޖެ ނަމަ ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑުވެގެންދާނެ ރަށު ތެރޭގައި ވެސް. އެކަމަކު ރާގޮނޑި ސީޒަން އައީމަ އެންމެން އެކުވެރިވާނެ އެކައްޗެއް ކިޔައިގެން. މިއީ އަޅުގަނޑުމެންގެ ވަތަނީ ރޫހު ނިކަން ބޮޑަށް އާލާކޮށްދޭ ކަމެއް. އަދި ރަށުގެ އާމްދަނީ އިތުރުކޮށް އާންމު ހާލަތު ވެސް ރަނގަޅުކޮށްދޭ"

"އެކަމަށްޓަކައި އަޅުގަނޑުމެން ﷲ އަށް ޝުކުރުވެސް ދަންނަވަން."

ޒަރީރު ވިދާޅުވީ ރާގޮނޑި މޫސުމުގައ ހިފާ މަސްތައް ރަށުގައި އުޅޭ އާބާދީގެ ބޮލަކަށް ޖެހޭ މިންވަރު ބަލައިގެން ބަހާލަނީ ކަމަށެވެ. އަދި މާލޭގައި އުޅޭ ބްރުނީގެ ރައްޔިތުންނަށް ވެސް މަސް ބަންދުކޮށް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލަށް އުފަންވާ ކުއްޖާ އަށް ރާގޮނޑި ލިބޭނެ ރާގޮނޑީ ހިފާ ދުވަހެއްގައި. މީގެ އިތުރުން ރާނގޮޑި ސީޒަނަކީ ހަމައެކަނި ރަށުގައި ތިބޭ ބުރްނީގެ މީހުންނަށް އަންނަ ސީޒަނެއް ނޫން. މި ސީޒަނުގައި ހިފާ ރާގޮނޑިތައް ރަށުން ބޭރުގައި ތިބޭ ރަށުގެ އެހެން މީހުންނަށް ވެސް ގަވާއިދުން ފޮނުވުން އޮންނާނެ ރަށުގައި،" ޒަރީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާގޮނޑި ހިފާ ދުވަހެއް ނަމަ ޖެހިގެން އަންނަ ދުވަހު ރަށުގެ އެންމެން ބައިވެރިވާ ބޮޑު ޖާފަތެއް ވެސް އޮންނަ ކަމަށެވެ.

"މި ޖާފަތުގައި ރަށުގެ ހުރިހައި ގެއަކުން ހުރިހައި އެންމެން ވެސް ބައިވެރިވާނެ. ދެން މެންދުރު ނަމާދުކޮށްގެން މާތް ﷲ އަށް ދުއާކޮށް ރަސޫލާ އަށް ސޮލަވާތްކިޔެވުމަށް ފަހު އެންމެން އެކުގައި ކާން ފަށާނީ،" ޒަރީރު ކިޔައި ދެއްވި އެވެ.

"މިއީ ރާގޮނޑި މަހާއި ކާއްޓާއި ފޮނިކާތަކެތި ބޭނުންކޮށްގެން ބާއްވާ ބޮޑު ޖާފަތެއް. މިހާރު ވެސް އޮންނަ ކަމެއް މިއީ."

ކޮންމެއަކަސް ރާގޮނޑި މޫސުމަކީ ބްރުނީ އެއްބައިވަންތަކޮށްލާ ދުވަސްކޮޅެކެވެ. ޒަރީރު ވިދާޅުވީ ރާގޮނޑި މޫސުމަށް ރަށުގެ އާންމުން ތައްޔާރުވުމަކީ ވެސް އޮންނަ ސަގާފަތެއް ކަމަށެވެ.

ރާގޮނޑިތަކަށް ކޮންމެ އަހަރަކު މަރުހަބާ ކިޔުމަށް ރަށުގެ ކުދި ބޮޑު މީހުން ނުކުމެ ފަޅު ތެރޭގައި އޮންނަ "މަގެއް" ސާފުކުރުމަކީ މި ސަގާފަތެއްގެ ތެރެއިން ކުރާ ކަމެކެވެ.

"މި ރަށުގެ ހުޅަނގު ބިތުގެ މޫދުގައި އޮންނާނެ ރާގޮނޑި މަގޭ ކިޔާ މަގެއް. އެއީ ރާގޮނޑިތައް ކޮންމެ ސީޒަނެއްގައި ވެސް ރަށުގެ ގޮނޑުދޮށަށް ޖަމާވާން ދަތުރުކުރާ މަގު،" ޒަރީރު ވިދާޅުވި އެވެ.

"ރާގޮނޑި އަކީ ކަޅުކޮށް އޮންނަ ސަރަހައްދުތަކުން ދަތުރުކުރަން ވަރަށް ބިރު ގަންނަ މަހެއް. އެހެންވީމަ އަބަދުވެސް ދަތުރުކުރާނީ އެންމެ ހުދުކޮށް އޮންނަ ހިސާބުން"

"މި ސަބަބާ ހެދި ރާގޮނޑި އަށް ހާއްސަކޮށްފައި އޮންނަ މަގުން ގާތައް ހޮވައި އެ މަގު އަބަދުވެސް ރީތިކޮށް ހުދުކޮށް ބޭއްވުމަކީ މި ރަށު މީހުން ކޮންމެ ސީޒަނަކާ ދިމާކޮށް ކުރާ ކަމެއް. ދެން މޫސުމް ލައިގަތީމަ މީހުން ދޯނިތަކުގައި ނުކުމެ ރާގޮނޑި އައިނުތައް މި މަގަށް ވައްދައިގެން ރަށުގެ ގޮނޑުދޮށާ ހަމަ އަށް ގެންނާނީ."

އޭނާ ވިދާޅުވީ ރަނގަޅު މޫސުމެއްގައި ރާގޮނޑިތައް އޮންނަނީ ގިނަވެގެން ނުހިފިފައި ކަމަށާއި ހިފޭ ވަރު ގިނަވެގެން ނުވެސް ކެއްކިފައި ކަމަށެވެ.

"އެބަހުރި އެއް ދުވަހެއްގައި 50،000 ރާގޮނޑި ވެސް ހިފާފައި. އިރުއޮއްސޭއިރަށް ހިފައި ރަށަށް އަރުވާފައި ހުންނަ ރާގޮނޑިތައް އިރުއަރާއިރު ވެސް ކައްކައި ހުސްނުވެގެން އެތައް ސަތޭކަ ރާގޮނޑިއެއް ކުނިވެގެން އުކާލަން ވެސް ޖެހޭ،" ޒަރީރު ވިދާޅުވި އެވެ.