ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނީމާދޫ އަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖާހާލައި މަރުވި މީހުންގެ ތެރޭގައި، ގައުމީ ޓީމުގެ ފޯވަޑް އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ އާއިލާގެ ހަތަރު މީހުން މަރު ވެފައިވުމުން ގައުމީ ޓީމުގެ ކޭމްޕް ކެންސަލް ކޮށްފި އެވެ.
އަދި މިހާރު އިއްބެ ވަނީ މާލެ އަންނަން އެއާޕޯޓުގަ އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅުމަށް އެކުލަވާލި ސްކޮޑު ވަނީ ސްރީލަންކާގައި ކޭމްޕް ކޮށްފަ އެވެ.
ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް ވިދާޅުވީ އިއްބެ އަށާއި އޭނާގެ އާއިލާއަށް ކުރިމަތިވެފައިވާ މި ހިތްދަތި ވަގުތުގައި ގައުމީ ޓީމުގެ ހުރިހާ ޕްރޮގްރާމެއް ކެންސަލް ކޮށްފައިވާ ކަމަށެވެ.
"އިއްބެ މިހާރު މި ފުރުވާލަނީ މާލެ، ގައުމީ ޓީމުގެ އެއްވެސް ހަރަކާތެއް ކުރިއަކަށް ނުގެންދާނެ މުޅި ގައުމީ ޓީމު ވަނީ އިއްބެ އާއެކު." ލަންކާގައި ހުރެ އަވަސް އާ ވާހަކަ ދައްކަމުން ޔާމީން ވިދާޅުވި އެވެ.
ގުއާމް މެޗަށް އިއްބެ ޓީމާ ގުޅޭނެ ތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ ، މިވަގުތު އެކަމާ ނުވިސްނާ ކަމަށާއި އެންމެ މުހިންމު ކަމަކީ އިއްބެ އާއި އޭނާގެ އާއިލާއަށް ކުރިމަތިވެފައިވާ މި ހިތްދަތި ވަގުތުގައި އޭނާ އާއިލާއަކު ހުރުން ކަމަށެވެ.