ހަބަރު

ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަނު ކުރުމާމެދު އާންމުންގެ ހިޔާލު ހޯދަނީ

Aug 29, 2019
5

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރުމާމެދު އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވީ އިއްޔެ އެވެ. އަދި އެ މައްސަލަ ދިރާސާ ކުރަން މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ގަވަރުނަރުގެ މަގާމަށް ރައީސް ހުށަހަޅުއްވާފައިވާ ނަން ފުޅާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11.00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އެނަމާއި ގުޅޭގޮތުން ހިޔާލެއްވާނަމަ، ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސްގެ އިތުރުން ގުޅޭނެ ފޯނު ނަންބަރާއެކު މަޖިލީހުގެ އިދާރާއަށް ލިޔުމުން ނޫނީ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އަލީ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރެވެ. އޭނާ އެ މަގާމު އަދާ ކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށެވެ.

އޭނާގެ ނަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާއިރު އޭނާ މަގާމަށް އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިނަމަ އެވެ. ބެލެވޭ ގޮތުގައި ވަރަށް އަވަހަށް މަޖިލީހުން އެ ކަމުގައި ގޮތް ނިންމާނެ އެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަސީރު ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނީ ކޮށެވެ.

އެގޮތުން، މަނީ ލޯންޑަރިންގް މައްސަލަތައް ބަލަން ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެ ޔުނިޓުގެ މަސައްކަތަށް ނަސީރު ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތުހުމަތުކޮށްފަ އެވެ.