ސުޕަސްޓާ ސަލްމާން ޚާން އަށް މަރުދޭ އެތަކެއް މިލިއަން ފޭނުނެއް ތިބޭނެ ކަމީ ޝައްކެތް އޮތް ކަމެއް ވެސް ނޫނެވެ.
ސަލްމާންގެ އިތުރުންވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންނަށް ސަޕޯޓްކުރާ އެތަކެއް ފޭނުންނެއް އެމީހުންނާއި ހެދި ދީވާނާ ވެގެން އަމިއްލަ ފުރާނަ އާއި ވެސް ކުޅެލައި އެމީހުންދެކެ އިންތިހާއަށް ލޯބިވާކަން ހާމަކުރުމަށް ވަނީ ކޮށްފަ އެވެ.
މިދިޔަ މަހުގެ 17ވަނަ ދުވަހު ފިތުރު އީދާއި ދިމާކޮށް ރިލީޒްކުރި "ބަޖްރަންގީ ބައިޖާން" ގައި ސަލްމާން އިންޑިއާގެ ބޯޑަރުތެރެއަށް ގެއްލޭ ޕާކިސްތާން މަންމަން ކުޑަ އަންހެން ކުއްޖަކު އަނބުރާ ގައުމަށް ގެންގޮސްދޭން ކުރި ބުރަ މަސައްކަތް ބެލުންތެރިން މިވަނީ އިންތިހާއަށް ބަލައިގެންފަ އެވެ. މިފިލްމުގައި ސަލްމާންގެ އެކްޓިންއަށް ތައުރީފުކޮށްފައިވާއިރު، މިއީ ސަލްމާންގެ ކެރިއަރުގައި މިހާތަނަށް ފެނިގެންގޮސްފައިވާ އެންމެ މޮޅު އެކްޓިން ކަމަށް ފާޑުކިޔާފަރާތްތަކާއި ބެލުންތެރިިން ވަނީ ބުނެފަ އެވެ.
މަޝްހޫރު ތަރިން ހަމަލޮލަށް އެންމެ ފަހަރަކު ނަމަވެސް ބަލާލުމަށްޓަކައި އެތަކެއް ހާސް ފޭނުންނެއް އެމީހުން ދިރިއުޅޭ ގެތަކުގެ ބޭރަށް އެއްވެ، ސިނަމާތަކާއި މިނޫންވެސް އެމީހުން ދާނެހެން ހީވާ ތަނަކަށް އެމީހުން ފަހަތުން ދިއުމަކީ އާންމުކަމެކެވެ. މީގެއިތުރުން ވެސް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރުމާއި، ފުރާނައަށް ގެއްލުން ދިނުމަކީ ވެސް ދީވާނާ ވެފައިވާއެތަކެއް ފޭނުންނެއް ކޮންމެ ދުވަހަކުހެންމެ ކުރަމުން އަންނަ ކަމެކެވެ.
މިފަދަ ހުރިހާ ހަރަކާތަކުންވެސް އެމީހުން ސަޕޯތްކުރާ އެކްޓަރަކާއި އެންމެފަހަރަކު ނަމަވެސް ބައްދަލު ކޮށްލަން ބޭނުންވާ މިންވަރު ހާމަވެގެންދާއިރު، އެމީހުންނާއި ބައްދަލުކޮށްލަން ކޮންމެ ފަދ ކަމެއް ކުރަންވެސް ފަހަތަށް ނުޖެހޭނެކަން އެއީ އެނގޭ ކަމެކެވެ.
ނަމަވެސް މިފަހަރު ސަލްމާން އާއި ޝާހްރުކް އަށް ސަޕޯޓްކުރާ ޕާކިސްތާނުގެ އުމުރުން 27 އަހަރުގެ ޗަންދާ ނަމަކަށް ކިޔާ އަންހެނަކު ވަނީ އެއްވސް މީހަކު ހީނުކުރާ ވަރުގެ ކަމެއް މިދެތަރިންނާއި ބައްދަލުކުރަން ބޭނުންވެގެން ކޮށްފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އޮންނަ އެތަކެއް ޒަމާންވީ ރުޅިވެރިކަމުގެ އަސްލަކީ ދެގައުމުގެ ދެމެދުގައިޥާ ބޯޑަރުކަމަށް ވާއިރު، ޗަންދާ ވަނީ ސަލްމާން އާއި ޝާހްރުކް އާއި ބައްދަލުކުރަން ސަލްމާން "ބަޖްރަންގީ ބައިޖާން" ގައި ބޯޑަރު ހުރަސްކުރި ގޮތަށް ހުރަސްކޮށް އިންޑިއާ ފަޅިއަށް އައިސްފަ އެވެ.
އިންޑިއާގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައ ވާ ގޮތުން މިދިޔަ މަހުގެ 30ވަނަ ދުވަހު ޕަންޖާބުގެ ޖަލަންދަރު ރެއިލްވޭ ސްޓޭޝަނުން ވަނީ 27 އަހަރުގެ ޕާސްޕޯޓެއް، ވިސާ އެއް އަދި ޓިކެޓއެއްވސް ނެތް ޕާކިސްތާނުގެ އަންހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދ ފުލުހުން ސުވާލު ކުރުމުން ޗަންދާ ވަނީ އޭނާ ބޯޑަރު ހުރަސްކުރީ ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ސަލްމާން އާއި ޝާހްރުކް އާއި ބައްދަލުކުރަން ކަމަށް ބުނެފަ އެވެ. އަދި އޭނާ އިންޑިއާގެ ބޯޑަރުން އެތެރެ ވީ ހުރިހާ ލިޔެކިޔުންތަކެއް ހިފައިގެން ކަމަށާއި ނަމަވެސް ލިޔުންތައް ވީ އެހެން ރެއިލްވޭ ސްޓޭޝަނަކުން ދަތުރު ކުރަމުންދާ އޭނާގެ އާއިލާގެ މެމްބަރުންގެ އަތުގައި ކަމަށް ވަނީ ބުނެފަ އެވެ.
މީގެއިތުރުން އިންޑިއާގެ ބައެއް ޓީވީތަކަށް ދިން އިންޓަވިއުއެއްގައި ޗަންދާ ވަނީ އޭނާ އިންޑިއާއަށް އައީ ސަލްމާން އާއި ޝާހްރުކް އާ ބައްދަލުކުރަން ކަމަށާއި އެހެންކަމުން އެމީހުންވެސް އޭނާއަށް އެހީތެރިވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަންނަށް އެމީހުންނާއި ބައްދަލުކޮށްދީ، ނޫނީ އަހަރެން ޕާކިސްތާނަށް ފޮނުވާލާ، ނޫނީ އަހަރެން ގަޔަށް ބަޑި ޖަހާ" ސަލްމާން އާއި ޝާހްރުކް އާއި ބައްދަލުކުރަން ބޭނުންވާވަރު ހާމަކުރަމުން ޗަންދާ ބުންޏެވެ.
އެއްވެސް ލިޔެކިޔުމެއް ނެތި އިންޑިއާގެ ބޯޑަރުން އެތެރެ ވުމަކީ ވަރަށް ސީރިއަސް މައްސަލަ އަކަށް ވާއިރު، އިންޑިއާގެ ފުލުހުން މިހާރު އަންނަނީ މިމިއްސަލަ ބަލަމުންނެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު ގުރްދާސްޕުރް އަށް ދިން ޓެރަރިސްޓް ހަމަލާގައި 10 މީހުން މަރުވެފައިވާއިރު، ޖަލަންދަރު ވަނީ މިހަމަލާ އާއި ގުޅުގެން އެދުވަހުން ފެށިގެން ބަންދުވެސް ކޮށްފަ އެވެ.
ބޯޑަރު ކައިރީގައި ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފައި އޮންނައިރުވެސް، މިއަންހެންމީހާ ބޯޑަރު ހުރަސްކުރީ ކިހިނަކުން ކަމާއި މެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ސަލްމާން ދުއްވި ކާރަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ކުށް ސާބިތުވެ، މެއި މަހުގެ 6ވަނަ ދުވަހު ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރުމާއިއެކު ބޮމްބޭ ހައިކޯޓްގެ ބޭރުގައި ހުރި ސަލްމާންގެ ސަޕޯޓަރަކު ވަނީ ބޭސްތަކެއް ކައިގެން މަރުވާން މަސައްކަތްކޮށްފަ އެވެ.
ކަބީރް ޚާން ޑައިރެކްޓްކުރި ދެވަނަ ފިލްމު "ބަޖްރަންގީ ބައިޖާން" ބަލަން ސިނަމާތަކަށް ވަން މީހުން ރޮއްވާލާފައިވާއިރު، މިފިލްމުން އަންނަނީ ރެކޯޑަކަށްފަހު ރެކޯޑެއް މުގުރަމުންނެވެ. އިންޑިއާގެ އިތުރުން 50 ގައުމެއްގައި މިފލްމު ދައްކަމުން އަންނައިރު، ޕާކިސްތާނުންވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.