އަހުމަދު ރިލްވާން ގެއްލުވާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ގަދަކަމުން ގެއްލުވާލާފައިވާ މީހުންގެ ހަނދާން އާކުރަން ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހެވެ.
އެ ދުވަހާއި ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާން ގެއްލުނުތާ ފަސް އަހަރު ވެއްޖެ ކަމަށާއި ރިލްވާންގެ އާއިލާއިން އިންސާފު ހޯދުމަށްޓަކައި މަސައްކަތް ކުރާތާ ވެސް ފަސް އަހަރު ވެއްޖެ ކަމަށެވެ. އާއިލާއަށް ކެތްތެރިކަން ދެއްވައި ރިލްވާނަށް ވީގޮތް އަވަހަށް ހޯދައިދެއްވުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
ނަޝީދު މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވެސް ވަނީ ރިލްވާނާ ގުޅޭ ޓްވީޓެއް ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ރިލްވާން ގެއްލުވާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންދަން ސަރުކާރުން ހުއްޓާނުލާ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ބައިނަލް އަގުވާމީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.
ރިލްވާނަށް ވީގޮތް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެގޮތުން ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ދަނީ ރިލްވާންއަށް ވީގޮތް ހޯދަން ދަނީ މަސައްކަތް ކުރަމުނެވެ.
ރިލްވާން ގެއްލުނުތާ ފަސް އަހަރުވީ ދަވަހު އެ ކޮމިޝަންގެ ރައީސް ސޫއުދު ވިދާޅުވީ ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބި "ޓެރަރިސްޓް ގްރޫޕާ"އި އެ ކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ. އެ ކަމުގައި އަޑީގައި ތިބި ގްރޫޕަށް ދައުވާކޮށް ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން އެމީހުންގެ ނަންތައް ހާމަ ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް ރިލްވާނަށް ވެގެން ދިޔަ ގޮތް އެއީ އަދިވެސް ސާފު ނުވާ ކަމެއް ކަމަށާއި އެ ކަމުގެ ތަހުގީގު މަރު ކޮމިޝަނުން ކުރިއަށް ގެންދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ރިލްވާން ގެއްލުނީ އޮގަސްޓު 8، 2014 ގަ އެވެ. މިހާތަނަށް އޭނާއަށް ވީ ގޮތެއް ނޭނގޭއިރު، އެކަމުގެ ފަހަތުގައި ތިބި ބައެއް ވެސް ސާފެއް ނުވެ އެވެ.