ވިޔަފާރި

އެސްއެމްއީ ބޭންކަށް ބިލިއަނެއްހާ ރުފިޔާގެ އެޕްލިކޭޝަން

Aug 31, 2019

އެސްއެމްއީ ބޭންކްގެ ލޯނަށް ހުށަހަޅާފައިވާ އެޕްލިކޭޝަންގެ އަގު އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޒުވާނުންގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި ވަރަށް ގިނަ އަދަދަކަށް އެޕްލިކޭޝަން ބޭންކަށް ލިބެމުންދެ އެވެ.

އޭނާ ވިދާޅުވީ ލޯނު ދޭވޭ މީހުންގެ އަދަދު އިތުރު ކުރުމުގެ ގޮތުން، އާ އަހަރަށް ބަޖެޓު ފޮނުވާއިރު އެސްއެމްއީ ބޭންކުން ލޯނު ދޫކުރަން ކަނޑައަޅާ ބަޖެޓު ބޮޑުކުރާނެ ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޭން އެސްޑީއެފްސީގެ ނަމުގައި ބޭންކެއް ސަރުކާރުން އުފައްދާފައި ވަނީ މި އަހަރު އެވެ. އެސްޑީއެފްސީން ވަނީ ތަފާތު ގިނަ ލޯނުތަކެއް ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ "ހަރުމުދާ" އާއި "ދަނޑުވެރި ނަފާ" އަދި " ވިޔަފާރި އެހީ" ގެ އިތުރުން "ރަށު ފަތުރެ"ވެ.

މި ބޭންކް އުފައްފާދައިވަނީ ދިވެހި ސަރުކާރުގެ 85 ޕަސެންޓް ހިއްސާ އާއި ކައުންސިލްތަކުގެ 15 ޕަސެންޓް ހިއްސާ އޮވެގެންނެވެ.

ބޭންކުގެ ލޯނުތަކުގައި އަމިއްލަ އަތުން ހަރަދު ކުރަން ޖެހޭ އަދަދު "އިކުއިޓީ ރިކުއައިމަންޓް" އުޅެނީ 15 ޕަސެންޓާއި 20 ޕަސެންޓުގަ އެވެ. އަދި ލޯނުތަކުގެ އިންޓްރެސްޓް އުޅެނީ ހަ ޕަސެންޓާއި 9.5 ޕަސެންޓާ ދެމެދުގަ އެވެ. އަދި މި ލޯނު ނަގަން ގެ ފަދަ ތަންތަން ރަހުނު ކުރެވެ އެވެ. ލޯނު ދެނީ 75،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.