އެމްޑީޕީގެ ހަރަކާތްތަކުގައި "ފްލެގް މޭން"އެއް ގޮތުގައި ހަރަކަތްތެރިވާ އެ ޕާޓީގެ އެކްޓިވިސްޓު އަހުމަދު އަބުދުއް ސަމަދުއަށް ފަރުވާ ހޯދަން ދައުލަަތުގެ އެހީއެއް ބޭނުމެއް ނުވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފި އެވެ.
މާލޭ ލޯކަލް މާރުކޭޓު ކައިރީ ސަމަދު ޓައްޕަކަށް ފައިލައިގެން އިން ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުވަމުން އެބަދެ އެވެ. އެ ފޮޓޯތަކުގައި އޭނާގެ ފައި ވަނީ ވަރަށް ބޮޑަށް އަނިޔާވެ ދުޅަވެފަ އެވެ. އަދި ސަމަދަށް އަޅައި ނުލާ ކަމާއި މަގުމަތިވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެމްޑީޕީގެ މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު "އަވަސް"އަށް ވިދާޅުވީ ސަމަދު މަގުމަތިވެފައިވާ ކަމަށް ބުނާތީ އެ މިނިސްޓްރީ އިން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި ސަމަދާއި އޭނާގެ އާއިލާއާ ގުޅުން އޮންނަ ކަމަށާއި އަނިޔާތަކަށް އަމިއްލައަށް ފަރުވާ ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ދައުލަތުގެ އެއްވެސް އެހީއެއް ބޭނުމެއް ނުވާ ކަމަށާއި އިތުރަށް އެކަމުގެ ތެރެއަށް ވަނުމަށް އޭނާ އިންކާރު ކުރާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މައްސަލައަށް އެޓެންޑު ކުރިން. އޭނާގެ ފަރާތުން މައުލޫމާތު އޮޅުން ފިލުވިން. އޭނާ ބުނެފައި ވަނީ ދައުލަތުން އެކަމުގެ ތެރެއަށް އިންޓަވިން ކުރަން ބޭނުން ނުވާ ވާހަކަ،" ޖެންޑާގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ސަމަދު ފަޔަށް ލިބިފައިވާ އަނިޔާތަކަށް އޭނާ ދާދި ފަހުން ވަނީ ރާއްޖެއިން ބޭރުން ފަރުވާކޮށްފަ އެވެ. ސަމަދު އިތުރަށް ބޭނުން ވަނީ ހޮސްޕިޓަލުތަކަށް ދިޔުމުގެ ބަދަލުގައި އޭނާގެ ފަޔަަށް ދިވެހި ބޭސް ކުރާށެވެ. އެކަމުގައި ވަރަށް އަވަހަށް ރަށަކަށް ފުރަން އޭނާ ވަނީ ނިންމައިފަ އެވެ.