ސައިންސް

މާސްއަށް ނިއުކުލިއާ ހަމަލާއެއް ދޭން ތައްޔާރުވަނީ!

ދުނިޔެ ނޫން ތަނެއްގައި އިންސާނުން އާބާދު ކުރަން އެންމެ އެކަށީގެންވާ ވެއްޓެއް އޮތީ މާސްގައި ކަމަށް ނާސާއިން ބުނުމާއެކު ބިލިނިއަރު އިލޯން މަސްކް ނިންމީ، މާސްގައި އިންސާނުން އާބާދު ކުރާށެވެ. އިލޯން އަކީ ސްޕޭސް އެކްސް ކުންފުނީގެ ސީއީއޯ އަދި އެންމެ މަތީ ބޮޑު ހޯލްޑާ އެވެ. މާސްގައި އިންސާނުން އާބަދު ކުރާނެ ކަމަށް ބުނެ، އެންމެ ފުރަތަމަ އެ މަސައްކަތް ކުރަން ފެށީ ވެސް އޭނާ އެވެ. އެއަށްފަހު އެމެރިކާ އާއި ޗައިނާ ދެން ރަޝިއާ އެެވެ. ދުނިޔެއާ އެއްގޮތް ސިފަތަކެއް މާސްގައި ހުރި ނަމަވެސް، އެތާނގެ ގްރެވިޓީ އަދި ވައިގެ މިންވަރު ދަށްވުމުން އިންސާނުން ދިރިއުޅެން އެކަށީގެންވާ ވެއްޓެއް ނުލިބެ އެވެ.

ސްޕޭސް އެކްސް އިން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި މާސްގައި އިންސާނުނާ އެކަށީގެންވާ ވެއްޓެއް ގާއިމް ކުރެވޭނީ، ފުލުފުލުގައި ނިއުކުލިއާ ހަމަލާތަކެއް ދީގެންނެވެ. ނިއުކުލިއާ ހަކަތައިގެ ސަބަބުން މާސްގައި ހުންނަ ވިހަ ގޭސްތައް ދުރަށް ބުރަ ބުރައިގެން ދާނެ ކަމަށް ސްޕޭސް އެކްސް އިން ގާބޫލު ކުރެ އެވެ. މިއީ މާސްގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށް ވިޔަސް، އިލޯން ވަނީ މިއީ ކުރަން އެންމެ ރަނގަޅު ކަމެއް ކަން އަންގައިދިނުމުގެ ގޮތުން ބަހުސްތަކެއް ވެސް ކުރައްވާފަ އެވެ. އަދި ހަމަލާތައް ދޭން ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް ވެސް ކުރައްފައި ވެއެވެ.

އިލޯން ގަބޫލުކުރައްވާ ގޮތުގައި، އިންސާނުންނަށް އެކަށީގެންވާ ވެއްޓަކަށް މާސް ހަދަން ކުރާ މަސައްކަތް ހިނގަނީ ލަސް ސްޕީޑެއްގަ އެވެ. އަދި ދިރާސަތައް ކާމިޔާބު ނުވާ ކަމަށް ވެސް އިލޯން ވިދާޅުވެ އެވެ. އޭނާ ވިދާޅުވާ ގޮތުގައި އެންމެ އަވަހަށް ވެސް އެކަން ކުރެވެން އޮތީ މާސްއަށް ނިއުކުލިއާ ހަމަލާއެއް ދީގެނެވެ.

އެ ހަމަލާ ދިނުމުން، މާސްގެ ދެ ތަނޑީގައި ހުރި ގަނޑުފެންތައް ވިރި ގިނަ އަދަދެއްގެ ކާބަންޑައިއޮކްސައިޑް މާސްގެ ފަޒާއަށް ބޭރުވެ ގްރީން ހައުސް އެފެކްޓް އުފެދި މާސްގެ ފަޒާގައި ވައިގެ ޕްރެޝަރު އުފެދޭނެ ކަމަށް ސްޕޭސް އެކްސްއިން ކުރި ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

މާސްއިން ވިހަ ގޭސްތަށް ނައްތާލައި އިންސާނުންނަށް އެކަށިގެންވާ މާހައުލެއް ގާއިމް ކުރުމަށް މިހާރު ވެސް ދެގޮތެއް ސައިންސްވެރިން ގެންގުޅެ އެވެ. ފުރަތަމަ ގޮތަކީ މާސްގައި ގަސް އިންދައި އޮކްސިޖަން ލެވެލް މަތި ކުރުމެވެ. އަނެއް ގޮތަކީ ވިހަ ގޭސްތައް އާޓިފިޝަލް ވައިގެ އެހީގައި ބޭރު ކޮށްލުމެވެ.

މާސްއަށް ނިއުކުލިއާ ހަމަލާއެއް ދޭން ބައެއް ޖައްވީ ސައިންސްވެރިން ދެކޮޅު ހަދަ އެވެ. ސަބަބަކީ މާސްގައި އިންސާނުން އާބާދު ކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، އެތަނުން ދިރުމެއް ހޯދުމުގެ މަސައްކަތް ވެސް ކުރާތީ އެވެ.

ނިއުކުލިއާ އެފަދަ ހަމަލާއެއްގެ ސަބަބުން މާސްގައި ދިރުމެއް ހުރިނަމަ، އެ ދިރުމެއް މަރުވާނެ ކަމަށް އެފަދަ ސައިންސްވެރިން ބުނެ އެވެ.

ނަމަވެސް އިލޯންގެ ބޭނުމަކީ މާސްއަށް ފަތުރުވެރިން ފޮނުވުމެވެ. މާސްއަށް ނިއުކުލިއާ ހަމަލާއެއް ދިނުމަކީ އިލޯން ވަރަށް ސީރިއަސް ކަމާއެކު ކުރައްވާ މަސައްކަތެކެވެ. މިކަން ކުރުމަށް އެމެރިކާގެ ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން އިލޯން ވަނީ "ނޫކް" ނުވަތަ "ނިއުކުލިއާ ހަމަލާއެއް ދިނުން" ނަމުގައި ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އިލޯންގެ ހިޔާލަށް ނާސާގެ ބައެއް ސައިންސްވެރިން ވެސް ވަނީ ތާއީދު ކޮށްފަ އެވެ. ނަމަވެސް ރަސްމީކޮށް މިކަމަށް ނާސާއިން އަދި ޖަވާބެއް ނުދެ އެވެ. ނާސާގެ ގިނަ ޖައްވީ އުޅަނދުތައް ޖައްވަށް، ފޮނުވަނީ ސްޕޭސް އެެކްސް ކުންފުނި މެދުވެރިކޮށެވެ.

އެމެރިކާގެ ސަރުކާރުން މާސްއަށް ނިއުކުލިއާ ހަމަލާއެއް ދޭން ހުއްދަ ކުރަން ނިންމާފައި ނުވާއިރު، މާސްއަށް ހަމަލާ ދިނުމަށް ދެކޮޅު ހަދާ ސައިންސްވެރިންނަށް ގޮންޖެހުމަށްފަހު، ސްޕޭސް އެކްސްއިން މިހާރު މަސައްކަތް ކުރަމުންދަނީ ނިއުކުލިއާ މިސައިލް ޖައްވަށް ގެންދާނެ އުޅަނދު ތައްޔާރު ކުރާށެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މާސްއަށް ހަމަލާ ދޭނީ ދުނިޔޭގެ ސަތަހަ އައި ވައިގެ ފަށަލައިން ނެއްޓި ބޭރުގަ އެވެ. އެއީ ނިއުކުލިއާގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށެވެ.

އދ. ގެ އިން ފާސްކުރި ޖައްވުގެ ގާނޫނުގައި ވާ ގޮތުން، ޖައްވުގެ އެއްވެސް އެއްޗެއް އެއްވެސް ގައުމަކަށް އަދި އެއްވެސް މީހަކަށް މިލްކު ވެގެނެއް ނުވެ އެވެ. އެހެން ކަމުން އިލޯން މާސްއަށް ދޭ ނިއުކުލިއާ ހަމަލާ ހުއްޓުވޭނެ އެއްވެސް ބައިނަލްއަގްވީ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތެވެ. އދ. ގެ ގާނޫނުގައި ވާގޮތުން، އެއްވެސް ގައުމަކުން ނުވަތަ ކުންފުންޏަކުން ޖައްވީ ހޯދުންތަށް ހޯދަން ކުރާ މަސައްކަތަށް ހުރަހެއް ވެސް ނޭޅެނެ އެވެ.

ސްޕޭސް އެކްސްއިން މައުލޫމާތު ދޭގޮތުގައި މާސްއަށް ހަމަލާދޭނީ މި އަހަރުގެ ފަހުކޮޅު ނުވަތަ 2020 ވަނަ އަހަރުގެ ކުރީ ކޮޅުގަ އެވެ.