ހަބަރު

ލަންކާގައި ކިޔަވާ ދިވެހިންނަށް ގިނަ ލުއިތަކެއް ލިބޭ އެއްބަސްވުމެއް

Sep 1, 2019
1

ސްރީލަންކާގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހިންނަށް ބޮޑެތި ލުއިތަކެއް ލިބޭ އެއްބަސްވުމެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ދަތުރުފުޅުގެ ތެރެއިން ސޮއި ކުރަން ހަމަޖެހިއްޖެ އެވެ.

ރަނިލް ރާއްޖެ ވަޑައިގަންނަވަނީ މާދަމާ ހެނދުނެވެ. އަދި ދެ ގައުމުގެ ދެމެދުގައި ތިން އެއްބަސްވުމެއްގައި ސޮއި ކުރަން ވަނީ ހަމަޖެހިފަ އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން މިއަދު "އަވަސް" އަށް ވިދާޅުވީ، މާދަމާ ސޮއި ކުރާ އެއްބަސްވުންތަކުގެ ތެރޭގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބޮޑެތި ލުއިތަކެއް ލިބޭ އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

"މައިގަނޑު ގޮތެއްގައި އެ ވިސާ އެއްބަސްވުމުގެ ދަށުން ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ހާއްސަ ކިޔަވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ،" އެ އެއްބަސްވުމާގުޅޭ މާބޮޑު ތަފްސީލެއް ނުދެއްވާ މިއުވާން ވިދާޅުވި އެވެ.

ދެން ސޮއި ކުރެވޭ އެއްބަސްވުމުގައި ހިމެނެނީ ޒުވާނުން ތަރައްގީ ކުރުމާއި އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ އެއްބަސްވުންތަކެއް ކަމަށް އޭނާ ހާމަކުރެއްވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި ދިވެހިންނަށް މިހާރަށްވުރެ ލުއިގޮތްތަކެއް ހޯދައިދިނުމަކީ މައިގަނޑު އެއް އަމާޒު ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިސްނެންގެވުމުގެ މަތިން ފާއިތުވި އަށް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ތައިލަންޑް، ޔޫއޭއީގެ އިތުރުން ރަޝިއާއަށްވެސް ވިސާ އާ ނުލާ ދިވެހިންނަށް ދެވޭ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އަދި ދިވެހިން އާންމުކޮށް ދަތުރުކޮށްއުޅޭ އެހެން ގައުމުތަކާއެކުވެސް އެފަދަ މަޝްވަރާތައް ދަނީ ކުރެވުމުންނެވެ.

ރަނިލްގެ އެ ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު ރައީސް ސޯލިހާއެކު މަޝްވަރާކުރައްވާނެކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ތަގުރީރު ކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން، އަންނަ މަހުގެ ތިނަކުން ހަތަރަކަށް ޕެރެޑައިސް އައިލަންޑް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ކޮންފަރަންސްގެ މުގައްރަރުގެ ހައިސިއްޔަތުން ރަނިލް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ކޮންފަރަންސަކީ އިންޑިއާ ފައުންޑޭޝަނުން އިންތިޒާމްކޮށް ދިވެހި ސަރުކާރުގެ އިތުރުން ސިންގަޕޫރުގެ އެސް. ރަޖާރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީސް އާގުޅިގެން ބާއްވާ ކޮންފަރަންސެކެވެ.

ރަނިލް މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު، ރައީސް ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.