ބައެއް ކުޑަކުދިންނަކީ ކެއުމާ ދުރު ކުދިންނެވެ. ހާއްސަކޮށް ތަރުކާރީ އާއި މޭވާގެ ބާވަތްތަކާ މާ ބޮޑަށް ދުރުވެ ޕްރޮސެސްޑް ޖަންކް ފުޑްސް ކާންބޭނުންވާ ކުދިން ވެސް ތިބެ އެވެ. ކުޑަކުއްޖާ ހެދި ބޮޑުވަމުން އަންނަ އިރު ކޮންމެ ދުވަހަކު ރެއިންބޯގެ ހުރިހާ ކުލައެއް ހަމަވާހެން ތަރުކާރީ އާއި މޭވާ ކާން ދިނުމުގެ މުހިއްމު ކަން އެނގުނަސް އެކަމާ ގަޔާ ނުވާ ކުދިންނަށް ކާން ދޭނީ ކިހިނެތް ހެއްޔެވެ؟ ގަދަކަމުން ކާންދޭން މަސައްކަތް ކުރުމުގެ ބަދަލުގައި މި އުކުޅު ތައް ބޭނުން ކޮށްގެން މޭވާ އާއި ތަރުކާރީ ކެއުމަށް ލޯބި ޖެއްސިދާނެ އެވެ.
މިއީ ސަރާ އޯކްވެލްް ސްމިތު ލިޔެފައިވާ "ދަ ޖެންޓަލް އީޓިންގް ބުކް" ގައި ހިމަނާފައި ހުރި ޓޮޕް ޓިޕްސް އެވެ.
ގަދަކަމުން ކާންދޭން ނޫޅޭ
ތަރުކާރީ ނޫނަސް އެއްވެސް ކެއުމެއް ކާންދޭން މަސައްކަަތް ކުރާއިރު ކުޑަކުއްޖާ ރޮއްވާފައި ގަދަކަމުން ކާންދޭން މަސައްކަތް ނުކުރާށެވެ. ކާން ދޭން މަސައްކަތް ކުރާ ވަގުތު ކެއުމުން އަތް ޖަހާ، ހިތްވަރު ދިނުމުން ގަޔާވެގެން ކާނެ އެވެ. އަދި، ކެއުމަށްފަހު ޑެޒާޓް އަކަށް އެ ކުއްޖާ އަށް ކަމުދާ ފޮނި އެއްޗެއް ދޭނެ ކަމަށް ބުނުމުން އެކަމަށް އިންތިޒާރުކޮށް އަވަހަށް ތަރުކާރީ ކޮޅު ހުސްކޮށްލުންވެސް އެކަށީގެންވެ އެވެ.
އަދަބު ދިނުމާ ދުރުވޭ
ނުކާންވެގެން އެކި ވައްތަރު ޖެއްސުމުން އަަދަބު ދީ ހެދުމުން އެ މައްސަލަ ވާނީ އިތުރަށް ގޯހެވެެ. އަދަބު ނުދީ އެ ކުއްޖާ އަށް ވަގުތު ކޮޅެއް ދިނުމަށްފަހު އަަލުން ކާންދޭން މަސައްކަތް ކުރާށެވެ. މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ އެވެ. އެހެންނަމަވެސް މިކަމުގެ ހައްލަކީ ގަދަ ކަމުން އަދަބު ދީގެން ކާން ދިނުމެއް ނޫނެވެ.
ކެއުމަކީ މަޖާ ކަމަކަށް ހަދާ
ކޮންމެ ދުވަހެއްގެވެސް ކާ ގަޑި އަކީ އެ ކުއްޖާ އެންމެ އިންތިޒާރު ކުރާ ވަގުތަަށް ހެދިދާނެ އެވެ. މިއީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނަސް މިއީވެސް ކުރެވިދާނެ ކަމެކެވެ. ކައްކަން ފެށުމުގެ ކުރިން ތަރުކާރީ އާއި މޭވާ ގަންނަން ދާއިރު މާރުކޭޓު ސަރަހައްދަށް އެކުގައި ގޮވައިގެން ދާށެވެ. ނޫނީ ފިހާރައަކަށް ގޮސްވިޔަސް އެއްޗެހި ގަންނައިރު އެ ކަންކަމުގައި ކުއްޖާ ބައިވެރި ކުރާށެވެ. އަދި ގަނެގެން އައިސް ތަރުކާރީ ދޮވެ ސާފް ކުރުމުގައިވެސް ބައިވެރި ކުރާށެވެ.
މީގެ އިތުރުން، ގޭގައި ތަރުކާރީ އިންދެން ހުންނަ ނަމަ ތަރުކާރީ އާއި މޭވާ އާ ބެހޭ މައުލޫމާތު ކިޔައިދެމުން އެކަމުގައި ބައިވެރި ކުރާށެެވެ. އެ ކުދިންނަށްވެސް ތަރުކާރީގެ މުހިއްމުކަން ދަަސްވެ ގަޔާވެގެން ކުރާ ކަމަކަށް ވާނެ އެވެ. އަދި ދަަނޑުވެރިކަން ކުރާ ގޮތާއި އެކަމުގައި ހުރި މަޖާ ކަމުގެ އިތުރުން ގުދުރަތީ މޭވާ އާއި ތަރުކާރީގެ މުހިއްމު ކަން އެނގޭނެ އެވެ. މީގެ ސަބަބުން ކުޑަކުދިންގެ ސްކްރީން ޓައިމް އާ ދުރުވެ ކެއުމާވެސް ގާތް ވާނެ އެވެ.