އިޒްރޭލް

އިޒްރޭލާއި ހިޒުބުﷲއާ ދެމެދުގައި ހަމަލާ ބަދަލު ކުރަން ފަށައިފި

އިޒްރޭލާއި ހިޒުބުﷲ ޖަމާއަތާއި ދެމެދުގައި އުފެދިފައިވާ އަރައިރުންގަޑު ހައްލު ނުވެގެން އުޅެނިކޮށް، އިޒްރޭލުން ހިޒުބުﷲ ޖަމާއަތުގެ ޓޭންކަރުތަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދީފި އެވެ.

ލުބުނާނުގެ ބޯޑަރު ކައިރީގައި ގާއިމުވެ އޮންނަ ހިޒުބުﷲ ޖަމާއަތަށް ދިން މިސައިލް ހަމަލާގެ މައުލޫމާތު ދެމުން، އިޒްރޭލު އަސްކަރިއްޔާއިން ބުނީ، މިސައިލް ހަމަލާއަކީ ހިޒުބުﷲ ވައްޓާލި އިޒްރޭލު ޑްރޯންގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. މި ހަމަލާގައި ޓޭންކަރުތަކުގެ އިތުރުން، ހިޒބުﷲ ޖަމާއަތުން ބޭނުންކުރާ ބައެއް އުޅަނދުތަށް ވެސް ވަނީ ހަލާކުވެފަ އެވެ.

ހަމަލާ އާމާޒުކޮށްފައި ވަނީ ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ އަވިވިމް ކިޔާ އަވަށަކަށް ކަމަށް ވެސް އިޒްރޭލުން ވަނީ ބުނެފަ އެވެ.

ހިޒުބުﷲ އިން ބުނި ގޮތުގައި، އިޒްރޭލު ހަމަލާގައި އެ ޖަމާއަތުގެ ބައެއް މީހުން ވަނީ މަރުވެފަ އެވެ. އަދި ގިނަ އަދަދެއްގެ އުޅަނދުތައް ވެސް ވަނީ ހަލާކުވެފަ އެވެ. ނަމަވެސް އިޒްރޭލުން ބުނީ، މިސައިލް ހަމަލާގައި ގެއްލުން ލިބުނީ ހަމައެކަނި އުޅަނދުތަކަށް ކަމަށެވެ.

އިޒްރޭލާ ހިޒުބުﷲ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމަށް، ލުބުނާނުގެ ބޮޑު ވަޒީރު ސާދް ހަރިރީ ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އަރިހުންނާއި ފްރާންސްގެ ބައެއް ޑިޕްލޮމޭޓުން ކިބައިން އެދި ވަޑައިގެންފަ އެވެ. ހަމަނުޖެހުންތަށް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ލަސްކޮށްފިނަމަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ސާދް ހަރިރީ ވިދާޅުވެފައި ވެއެވެ.