ހަބަރު

ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް

Sep 2, 2019
3

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ އަނބިކަނބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހައަށް ދިވެހި ސަރުކާރުން ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.

ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވުމުގެ ގޮތުން ބޭއްވެވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގަ އެވެ.

ލަންކާގެ ބޮޑުވަޒީރު މާލެ ފައިބާ ވަޑައިގެންނެވުމުން، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވީ ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އެއަށްފަހު، ސްކޫލް ކުދިން ހުށަހަޅައިދިން ސަގާފީ އައިޓަމެއް އެބޭފުޅުން ބައްލަވައިލެއްވި އެވެ.

މި ރަސްމިއްޔާތުގައި، ރައީސް ސޯލިހާއި ލަންކާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ލަންކާއާއި ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ލަންކާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނާއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.

މި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ލަންކާގެ ބޮޑުވަޒީރަށް ތައާރުފުކޮށް އެރުވުންވެސް އޮތެއެވެ. އަދި ލަންކާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސް ސޯލިހުއަށް ތައާރުފުކޮށް އެރުވުން ވެސް އޮތެވެ.

މަރުޙަބާ ވިދާޅުވުމުގެ މި ރަސްމިއްޔާތަށްފަހު، ލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ، ރައީސް ސޯލިހުގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސް އޮފީހަށެވެ. ދެ ގައުމުގެ ދެމެދުގައި ކުރުމަށް ހަމަޖެހިފައިވާ ރަސްމީ މަޝްވަރާތައް ކުރިއަށްދާނީ ރައީސް އޮފީހުގަ އެވެ. މި ވާހަކަތަކުގެ ތެރޭގައި ދެގައުމުގެ ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން ތަރައްގީގެ ރޮނގުން ދެގައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުން ހިމެނެ އެވެ.

އަދި ދެގައުމުގެ ދެމެދުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ތިން އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އެއަށްފަހު އޮންނާނެކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި ލަންކާގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހިންނަށް ބޮޑެތި ލުއިތަކެއް ލިބޭ އެއްބަސްވުމެއް ހިމެނޭނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދެން ސޮއި ކުރެވޭ އެއްބަސްވުމުގައި ހިމެނެނީ ޒުވާނުން ތަރައްގީ ކުރުމާއި އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ އެއްބަސްވުންތަކެއް ކަމަށް އޭނާ ހާމަކުރެއްވި އެވެ.

އޭގެ އިތުރުން މާދަމާ ހެނދުނު 9.30 ގައި ލަންކާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި، މާދަމާ އިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގައި ޗެއާ ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.