ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވެރިކަމަށް އާދެވުނީ ލަންކާއިން ހިމާޔަތް ދިނުމުން: ރައީސް

ރައީސް ޔާމީންގެ ސަރުކާރު ބަދަލުވެ، އޭރުގެ އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އައުމަށް ފުރުސަތު ލިބުނީ ރާއްޖޭގެ ސިޔާސީ މައިދާނުން އޭރުގެ އިދިކޮޅު ފަރާތްތަކަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ސްރިލަންކާދިން ހިމާޔަތުގެ ސަބަބުންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސްރިލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ އަނބިކަނބަލުންގެ ޝަރަފުގައި މިއަދު މިއަދު ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ރައީސް ސޯލިހް ދެއްވި ފަރިއްކޮޅުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ތިބެގެން ސިޔާސީ މަސައްކަތް ނުކުރެވޭ ހިސާބަށް ކަންތައް ދިޔުމުން، ހިމާޔަތް ހޯދައިގެން ލަންކާއަށް ވަޑައިގެންނެވި ބޭފުޅުންނަށް ހިތްވަރުދީ، އުނދަގޫ ވަގުތުތަކުގައި މަސައްކަތް ކުރަންވީ ގޮތުގެ އިރުޝާދު ދެއްވީ ލަންކާގެ ސިޔާސީ ބޭފުޅުން ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިއަދު އޮތް ސަރުކާރު އިންތިޚާބުވުމުގެ ފުރުސަތު ލިބުނީ، ލަންކާގެ ސިޔާސީ ބޭފުޅުންގެ ސަބަބުން ކަމަށެވެ. އަދި ލަންކާގެ ހުރިހާ ސިޔާސީ ބޭފުޅުން ވެސް އެދެނީ ރާއްޖެއާ ލަންކާގެ ގުޅުން ބަދަހިވެ، ދެ ގައުމުގައި ވެސް އަމާން ވެއްޓެއް ގާއިމްވެގެން ދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސްރީލަންކާއިން ވެދިން އެހީތަކަށް ޝުކުރު އަދާކުރަން، ސިޔާސީ ގޮތުން ރާއްޖެއަށް އައި އުނދަގޫ ވަގުތުތަކުގައި ރާއްޖޭގެ ސިޔާސީ ބޭފުޅުނަށް ހިމާޔަތްދީ، ހިތްވަރުދެއްވީ، އަދި މިހާރު މިތިބަ މަގާމަށް އަންނަން އެހީތެރިވެ ދެއްވީ ސްރިލަންކާއިން" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ލަންކާއަށް ދިމާވީ އެންމެ އަނދިރި ދުވަސްތަކުގައި ވެސް ރާއްޖެ އޮތީ ލަންކާއާ އެކުގައި ކަމަށާއި، ލަންކާއަށް ލިބޭ ކޮންމެ ގެއްލުމަކީ ރާއްޖެއަށް ވެސް ލިބޭނެ ގެއްލުމެއް ކަމަށެވެ. އަދި ގިނަ ދިވެހިން ލަންކާ ދެކެނީ ދިވެހިންގެ ދެ ވަނަ ގައުމުގެ ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިއަދު ލަންކާ އާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ސަބަބުން، ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރިމަގުގައި ލިބިގެންދާނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.