ހަބަރު

ރާއްޖެއަށް އެކި ދާއިރާތަކުން އެހީވާން ތައްޔާރު: ރަނިލް

ރާއްޖެ އާއި ސްރިލަންކާއާ ދެމެދު އުފެދިފައިވާ ގުޅުމަކީ ސިޔާސީ ގުޅުމަކަށްވުރެ ބޮޑު ގުޅުމަކަށް ވުމުން ރާއްޖެއަށް ބޭނުންވާ އެހީތައް އެކި ދާއިރާތަކުން އަބަދުވެސް ލަންކާއިން ދޭން އޮންނަނީ ތައްޔާރަށް ކަމަށް ރަސްމީ ދަތުރު ފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން ހުންނެވި، ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަ ވިދާޅުވެއްޖެ އެވެ.

ރަނިލް ވިކްރަމްސިންހައިގެ ދެކަނބަލުންގެ ޝަރަފުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ރަނިލް ވިދާޅުވީ، ރާއްޖޭގައި ޑިމްކްރަސީއާ އިޖްތިމާއި އަދި އިގްތިސޯދީ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ލަންކާގެ ސަރުކާރު އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ. އަދި ރާއްޖެއިން އެހީތެރި ކަމަށް އެދޭ ނަމަ، އެ އެހީތެރި ކަމެއް ފޯރުކޮށް ދިނުމަށް ލަންކާ ސަރުކާރުން އެއްވެސް ވަރަކަށް ފަސް ނުކުރާނެ ކަމަށެވެ.

ރާއްޖެ އަދި ލަންކާ ހިމެނޭ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެހެއްޓުމަށް ވެސް އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރު ކަމަށް ރަނިލް މިއަދު ވިދާޅުވި އެވެ. އަދި ޓެރެރިޒަމްގެ ބިރާއި، ޑްރަގް ޓްރެފިކިންގެ ބިރު އިންޑިއާ ކަނޑުގައި މިހާރު ބޮޑުވެފައިވާއިރު، އިންޑިއާ ކަނޑުގެ ސަލަމާތަށް ދެ ގައުމު ގުޅިގެން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ފަރިއްކޮޅުގެ ތެރެއިން ދެއްކެވި ވާހަކަފުޅު ތެރޭގައި، ރަނިލް ވަނީ ދެ ގައުމުގެ މެދުގައި އޮންނަ ޒަމާންވީ ގުޅުމަަށް އަލި އަޅުވާލައި ވާހަކަފުޅު ދައްކާފަ އެވެ.