ވިޔަފާރި

ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ

Aug 3, 2015

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް 56 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި ސާވޭ ކޮށްފައިވަނީ ޖޫން 25 އިން ޖުލައި ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސާވޭގައި 93 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. މި ސާވޭގައި ޓޫރިޒަމް ދާއިރާ އާއި ހޯލް ސޭލް އަދި ރީޓޭލް ވިޔަފާރީގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާ އިން ވެސް ބައިވެރިވެފައިވެ އެވެ.

މަރުކަޒީ ބޭންކުގެ ސާވޭ އިން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު އިމާރާތް ކުރުމުގެ ދާއިރާގެ މަޝްރޫއުތަކުގެ އަދަދު އިތުރު ވެގެން ދިއުމުގެ އިތުރުން ނިމިދިޔަ ކުއާޓަރާއާ އަޅާބަލާއިރު އިމާރާތް ކުރުމުގެ ދާއިރާއަށް އަލަށް ލިބުނު އޯޑަރުތަކުގެ އަދަދު ވަނީ 51 ޕަސެންޓް އިތުރުވެފަ އެވެ. އަދި މި ސާވޭގައި ބައިވެރި ކުންފުނިތަކުގެ 55 ޕަސެންޓް ބުނެފައިވަނީ މި ކުއާޓަރުގައި އަގުތައް މަތިވެފައިވާ ކަމަށެވެ.

އެމްއެމްއޭގެ މި ސާވޭ އިން އެނގޭ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓާގައި ވެސް އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ އެވެ.