ހުރިހާ ރަށެއްގައި އަދި އިންތިހާބީ ދާއިރާތަކުގައި ޖުމްހޫރީ ޕާޓީގެ ގޮފިތައް ގާއިމު ކުރުމުގެ މަސައްކަތް ފަށައި، ދާއިރާތަކުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމަށް ޕާޓީގެ އެތެރޭގެ އިންތިހާބުތައް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
ޖޭޕީގެ ހެޑްކުއާޓަރު، މާފަންނު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވީ އިންތިހާބީ 87 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކުގައާއި ރަށްރަށުގައި އެ ޕާޓީގެ ގޮފިތައް ނެތް ކަމަށެވެ. އަދި ބައެއް ރަށްރަށުގައި އެ ޕާޓީގެ މެންބަރުން ވެސް ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން ޖޭޕީގެ މެންބަރުން ނެތް ނުވަތަ މަދު ރަށްތަކާއި އިންތިހާބީ ދާއިރާތަކަށް އެ ޕާޓީގެ މެންބަރުން ދަތުރުކޮށް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ހުސައިން ރަޝީދު ވިދާޅުވި އެވެ. އެ ގޮތުން ޕާޓީގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުރިހާ ރަށެއްގައި އަދި އިންތިހާބީ ދާއިރާއެއްގައި ޕާޓީގެ ގޮފިތައް ގާއިމު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލް ބައްދަލުވުމުގައި ނިންމީ ޕާޓީގެ ގޮފިތައް ހެދުމަށްޓަކައި ބާއްވާ އިންތިހާބު މި އަހަރު ނޮވެމްބަރު މަހުގެ 15 ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް. މާނައަކީ ހުރިހާ ރަށެއްގެ ރަށު ގޮފިތަކުގެ އިންތިހާބު ބޭއްވިގެން ދާނޭ އެ ދުވަހު. ޕާޓީން މަސައްކަތް ކުރަނީ އޭގެ ކުރިން ހުރިހާ ރަށެއްްގައި ޕާޓީގެ ގޮފިތައް ގާއިމުކޮށް މެންބަރުން އިތުރު ކުރަން." ހުސައިން ރަޝީދު ވިދާޅުވި އެވެ.
ޖޭޕީން ވަނީ ކޮންމެ އިންތިހާބީ ދާއިރާއަކުން ދާއިރާ ރައީސަކާއި ދާއިރާ ނައިބު ރައީސަކު އިންތިހާބު ކުރާ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސްފަ އެވެ. އަދި އިންތިހާބީ ދާއިރާތަކުގައި ރައީސުން އެ ޕާޓީގެ ކައުންސިލްގައި ހިމެނޭ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވީ އިންތިހާބީ ދާއިރާތަކުގެ ދާއިރާ ރައީސާއި ދާއިރާ ނައިބު ރައީސުން އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ ޕާޓީގެ އެތެރޭގެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ކަނޑައަޅާ ގޮތަށް ވެސް ޕާޓީގެ އަސާސީ ގަވާއިދަށް ވަނީ ބަދަލު ގެނެސްފަ އެވެ. ނަމަވެސް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޖޭޕީގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކައުންސިލް އިންތިހާބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި ވެސް ޖޭޕީން ވާދަކުރާނެ ކެންޑިޑޭޓުން ޕްރައިމަރީއަކުން ކަނޑައަޅަން މިހާރު ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ޖޭޕީން ޕްރައިމަރީއެއް ނުބާއްވަ އެވެ. ކުރިން އެ ކަން އޮންނަނީ ޕާޓީގެ ކައުންސިލުން އެ ފަހަރަކު ކަނޑައަޅާ ގޮތެއްގެ މައްޗަށެވެ.